ރާއްޖޭގައި ބޭރުގެ އިންވްސްޓްމެންޓްތައް އިތުރުކޮށް ވިޔަފާރީގެ ގޮތުން ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންޑިއާގެ ވިޔަފާރި ވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން އިންޑިއާގެ ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ، ސީއައިއައި އާ ގުޅިގެން ކުރިއަށް ގެންދާ މި ބައްދަލުވުންތަކަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ބޭރު ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންޑިއާގެ ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، ރާއްޖެއަށް އިތުރު އިންވެސްޓްމެންޓުތައް ހޯދުމުގެ މަގްސަދުގައި އެ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުން ތަކެކެވެ.
މި މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން އަންގާރަ ދުވަހު ހޮޓަލް ޖެންގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް ވަނީ ރާއްޖެ އަކީ ވިޔަފާރިވެރިންނަށް އިންވެސްޓްކުރަން ފަހި ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ދާކަމުގައެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުންނަށް ފަހިވާނެ ގޮތަށް ފޮރިން އިންވެސްޓްމެންޓް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރް އާއި ސީ.އައި.އައިގެ ވިޔަފާރިވެރިންގެ ވަފުދާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުންގެ އިތުރުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއައިއައިގެ ޑިރެކްޓަރ ޖެނެރަލް އަދި ގްރޫޕް ލީޑަރ ޗަންދްރަޖިތް ބެނަޖީ ވިދާޅުވީ ރާއްޖެއާއި އިންޑިއާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށްޓަަކައި އެގްޒިބިޝަނެއް ބޭއްވުމަކީ މުހިއްމު ކަމެއްކަމަށާ މިއެގްޒިބިޝަންތަކުން ރާއްޖެއަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރް ވަނީ އިންޑިއާ އަކީ އެމެރިކާއަށް ފަހު ގްރީން ބިލްޑިންގްސް އެންމެ ގިނަ ގައުމު ކަމަށާއި އެ ގައުމުގައި އެމަސައްކަތް ކުރާގޮތް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގައި ވެސް އެ މަސައްކަތް ކުރެވިދާނެކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އެމްބަސީ ވާނެކަމަށް ސަންޖޭ ވަނީ ވިދާޅުވެފައެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ މި މަޝްވަރާ ބައްދަލުވުންތަކުގައި ފަތުރުވެރިކަމާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ހޯދުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.