ބުރަކޮށް މަސައްކަތްކުރާ ފަރާތްތަކާއި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން "ފޫޓް ރެސްޓް" ސްޕާ ހުޅުވައިފިއެވެ.
ހުކުރު ދުވަހު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ފޫޓްރެސްޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފެވެ.
މި ސްޕާއިން ލިބޭ ޚިދުމަތްތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފޫޓްރެސްޓުގެ މާރކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ އާއިޝަތު ޝަނީދާ ވިދާޅުވީ، މި ސްޕާއަކީ އަވަދިނެތިކޮށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލައި ސިކުނޑި ތާޒާކޮށްލުމަށް އެހީވެދޭނެ ތަނަކަށް ވާނެ ކަމަށާއި، ފައިތިލައަށް ޚާއްސަކޮށްގެން ތަފާތު ތެރަޕީތައް މި ސްޕާއިން ލިބޭނެ ކަމަށެވެ.
އެގޮތުން މި ޚިދުމަތްތައް ލިބިގަތުމުގައި ވަކި އުމުރުފުރާއެއް ކަނޑައަޅާފައިނުވާ ކަމަށާއި، ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދުވަސްވީ މީހުންނަށްވެސް މިތަނުން ޚިދުމަތް ލިބިގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޫޓްރެސްޓުން މައިގަނޑު ދެ ޕެކޭޖެއް ފޯރުކޮށްދޭއިރު، އޭގެ ތެރޭގައި ހިމެނެނީ ރެގިއުލަރ/ނޯމަލް ޕެކޭޖާއި ސްޕެޝަލް ޕެކޭޖެވެ.
ނޯމަލް ޕެކޭޖްގެ ދަށުން ލިބޭ ބައެއް ޚިދުމަތްތައް:
- ނޯމަލް ފުޓް މަސާޖް
- ހެޑް ނެކް ޝޯލްޑަރ މަސާޖް
- ފޫޓް ރިފްލެކްސޮލޮޖީ
"ފޫޓް ރިފްލެކްސޮލޮޖީއަކީ ނޯމަލް ފުޓް މަސާޖާއި ވަރަށް ތަފާތު މަސާޖެއް، އެގޮތުން ސީދާ ސްޕެޝަލް ޕޮއިންޓްސް ތަކަށް ޓާގެޓްކޮށްފައި ފުޓްއަށް ދެވުނަސް އެއީ ހަމަ ހޯލް ބޮޑީއަށް ދެވޭ މަސާޖެއް، ދެން ސްޕެޝަލް ޕެކޭޖްގައި ހިމެނޭ ލަގްޒަރީ ޕެކޭޖަކީ ހުރިހާ ޚިދުމަތްތަކެއް ހިމެނޭ އޯލް އިން ވަން އެއްޗެއް، އެއީ ފުޓް ސޯކް އިން ފެށިގެން ފުޓް ޕާތް އިން ފެށިގެން ސްކްރަބިންގ، ކްލީނިންގ ވެސް."ފޫޓްރެސްޓުގެ މާރކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ އާއިޝަތު ޝަނީދާ
ޝަނީދާ އިތުރަށް ވިދާޅުވީ، ޕެކޭޖް ތަކުގެ އިތުރަށް ޚާއްސަ އެޑޯންސްތަކެއްވެސް ހިމެނޭ ކަމަށާއި، އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް އެޑޯންއަކީ "ކަޕުލް ރިޓްރީޓް" ކަމަށެވެ. އެގޮތުން މި އެޑޯން ޚާއްސަ ވަނީ ހަމައެކަނި ދެމަފިރިންނަށް ނޫން ކަމަށާއި، އެންމެ ގާތް އެކުވެރިޔާއާއެކީގައިވެސް އާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކަޕްލް ރިޓްރީޓަކީ ހަމައެކަނި ދެމަފިރިންނަކަށް ނޫން، މިސާލަކަށް ފްރެންޑަކާ އެކީގައިވެސް އާދެވޭނެ، ނޫނީ މަންމައާއެކީގައިވެސް ނުވަތަ ދައްތައަކާއެކުގައިވެސް އާދެވިދާނެ، އެގޮތަށް އަޅުގަނޑުމެން ކަޕްލް މި މާނަ ކުރަނީ."ފޫޓްރެސްޓުގެ މާރކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ އާއިޝަތު ޝަނީދާ
މި ރަސްމިއްޔާތުގައި މިނިސްޓަރ މަހުލޫފާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޚާއްސަ ފޫޓް ޓްރީޓްމަންޓެއް އަރުވާފައިވާއިރު، މިނިސްޓަރ ވިދާޅުވީ، މިފަދަ ތަނެއް ހުޅުވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ޓޫރިޒަމްގެ އިތުރުން ދިވެހިންނަށްވެސް އޭގެ ސަބަބުން ފައިދާކުރާނެ ކަމެއް ކަމަށެވެ.
"ވަރަށް ބިޒީކޮށް އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުގައި އަޅުގަނޑުމެން ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއްމީ، ޚާއްސަކޮށް ހުޅުމާލޭގައި މި ދިރިއުޅުއްވާ ރައްޔިތުންނަށް އަޅުގަނޑަށް ހީވަނީ ކޮންމެހެން އައިސް ޓްރައިކޮށްލަން ރަނގަޅު ކަމެއްހެން މީ، އޭގެން ހަށިގަނޑަށް ހަމަ ލުއިތަކެއް ލިބިގެންދާނެ، އަޅުގަނޑު ގައިމުވެސް އަންނާނަން، އޭގަ ހުރި ލުއިތައް ފަސޭހަތަށް އަޅުގަނޑަށް އިހުސާސް ކުރެވޭ، ދޭތެރެއަކުން އަޅުގަނޑުވެސް ޓްރައި ކުރަން ވަގުތެއް ވެއްޖެއްޔާ އެކަމަކު މާލޭގައި އުޅޭއިރު ވަރަށް އުނދަގޫ އެކަހަލަ ތަނެއް ނުހުރޭ، އެހެންވީމާ މިހެން ވަކިން ފުޓްއަށް ޚާއްސަކޮށް ތަނެއް ހުޅުވިގެން ދިއުމަކީ ވަރަށް ރަނގަޅުކަމެއް، އަޅުގަނޑު ހަމަ ރިކޮމަންޑް ކުރަން."މިނިސްޓަރ މަހުލޫފު
ހިތްގައިމު މާހައުލަކާއި ތަފާތު ޚިދުމަތްތަކާއެކު ފުޓްރެސްޓް ހުޅުވާފައިވާއިރު، މިތަނުންދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކައިރި މުސްތަޤްބަލެއްގައި އިތުރު ޚިދުމަތްތައް ތައާރަފްކުރެވިގެންދާނެ ކަމަށް ފޫޓްރެސްޓުގެ މެނޭޖްމަންޓުން މައުލޫމާތުދެއެވެ.