ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާން ކުރެއްވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތާ ހަވާލުވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ބުދަ ދުވަހުގެ ޖަލްސާގައި ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްއީ) އަށް މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޮވުން އޮންނާނެ ކަމަށެވެ. އަދި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެދިވަޑައިގެންފައި ވާތީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުން ވެސް އޮންނާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގެންނެވީ ނިމިދިޔަ 18 ވަނަ މަޖިލީހުގެ ރައީސް، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ރައީސް ނަޝީދަށް 67 ވޯޓު ލިބިވަޑައިގެންނެވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސަކަށް ހޮވިވަޑައިގެންނެވީ ގަލޮޅު އުތުރު ތާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އެ މަގާމަށް ވާދަކުރެއްވީ ވެސް އީވާ އެކަންޏެވެ. އީވާ އަށް 76 ވޯޓު ލިބިވަޑައިގެންނެވިއެވެ.