ކ. މާލެ
|
28 މެއި 2019 | އަންގާރަ 17:49
ގޫގުލް
މުވައްޒަފުން ހޯދުން
ދަރުމަވަންތަ ހޮސްޕިޓަލަށް މުވައްޒަފުން ހޯދަނީ
24 ދާއިރާއަކުން 84 މުވައްޒަފުން ބޭނުންވޭ

ދަރުމަވަންތަ ހޮސްޕިޓަލަށް މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

އައިޖީއެމްއެޗްއިން އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް، 24 ދާއިރާއަކުން 84 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި 35 ރެޖިސްޓާޑް ނަރުހުންނާއި 16 މެޑިކަލް އޮފިސަރުންގެ އިތުރުން ރޭޑިއޯގްރާފަރުންނާއި ފްލެބޮޓޮމިސްޓާއި މީޑިއާ އޮފިސަރުން ބޭނުންވާ ކަމަށެވެ.

މިހާރު ހިދުމަތް ދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލަށް، ދާދިފަހުން ވަނީ އައިޖީއެމްއެޗުގެ ބައެއް ޑިޕާޓްމެންޓްތައް ބަދަލުކޮށްފައެވެ.

އޭގެ ތެރޭގައި ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރެޕީގެ އިތުރުން ކުޑަކުދިންގެ އޯޕީޑީ އާއި ތެރެހަށީގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުން ހިމެނެއެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި އެ އިމާރާތުގެ ހުރިހާ ފްލޯއެއް ބޭނުން ކުރަން ފަށާނެ ކަމަށް އައިޖީއެމްއެޗްއިން މައުލޫމާތު ދެއެވެ.

ކުރީގެ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ. އެ ތަން ހަދާފައި ވަނީ ޒަމާނީ ގިނަ ވަސީލަތްތަކާއި ސްވިމިން ޕޫލެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެ ތަނުގެ ބައެއް މެޑިކަލް ކޮލެޖަށް ވެސް ވަނީ ހާއްސަކޮށްފައެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ޖޫން، 5، 2016 ގައި، މަސައްކަތް ފެށި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރެއެވެ.

- ކޮމެންޓް