ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ ކަމަށް ފިނޭންސް މިނިސްޓްރީން އެ ކުންފުނިތަކަށް އަންގައިފިއެވެ.
ސަރުކާރު ހިއްސާވާ ގާތްތަނޑަކަށް 30 ކުންފުނި ރާއްޖޭގައި އޮވެއެވެ. އެކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުއައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދެވޭނީ ތިން ހާސް ރުފިޔާ ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކަށް ފޮނުވި އެ ސަރކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާއަދާކުރާ މުއައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުއައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކަށް އިނާޔަތުގެ ފައިސާ ނުދިނުމަށް އަންގާ ކަމަށެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މީގެ ކުރިން ވަނީ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުން ލާޒިމު ކުރާ އަދަދަށް ވުރެ އިތުރަށް ބައެއް މުއައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ފައިސާ ދީފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މެއި 6 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ މުއައްޒަފުންނަށް ރޯދަ އިނާޔަތް މިމަހުގެ މުސާރައާއި އެކީ ލިބޭނެއެވެ.