ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށް ގާނޫނު އަސާސީގައި ކުރިން އޮތް ގޮތަށް އެ މާއްދާ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އެ ބަދަލު ބާތިލު ކުރަން ފާސް ކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތަށް ފާސްކުރީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހު ފާސްކުރުމަށް މަދުވެގެން ބޭނުން ވަނީ ވެސް 64 މެމްބަރުންގެ އަގުލަބިއްޔަތެވެ. ސަބަބަކީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރުންގެ ވޯޓާ އެކު ރައީސް ޔާމީންގެ ސަރުކާރުގައި އެ އިސްލާހު މަޖިލީހުން ފާސް ކުރީ 70 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ނަމަވެސް އޭގެ ތިން އަހަރު ފަހުން، އެ އިސްލާހު ބާތިލު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އަށް ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް، ނުދެވޭނެ ކަމަށެވެ.
ގާނޫނުއަސާސީއަށް ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި ދެ އިސްލާހު މަޖިލީހުން ބާތިލު ކުރުމުން، ގާނޫނުއަސާސީ ރުޖޫއަވެފައި ވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ގޮތަށެވެ.