ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 13:59
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ: އިންތިގާލި އަދާލަތުގެ ބިލު ހުށަހެޅުއްވީ އިންތި
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ: އިންތިގާލި އަދާލަތުގެ ބިލު ހުށަހެޅުއްވީ އިންތި
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
އިންތިގާލީ އަދާލަތުގެ ބިލުން ތަސައްލީ ލިބި، ސުލްހަ ގާއިމު ކުރެވޭނެ: އިންތި
ކޯޓުން ބޭރުން މައްސަލަތަކުގެ ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވި

އިންސާނީ ހައްގެއް ނިގުޅައިގަނެ، ދައުލަތުން ދީފައިވާ އަނިޔާތައް ބެލުމަށް ހުށަހަޅާފައިވާ އިންތިގާލި އަދާލަތުގެ ބިލުގެ ބޭނުމަކީ ލިބުނު އަނިޔާތަކަށް ތަސައްލީއެއް ހޯދައި، ސުލްހަ ގާއިމު ކުރުން ކަމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވިއެވެ.

އިންތިގާލީ އަދާލަތުގެ ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ކަންކަން ބެލުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި އެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށްޓަކާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ. އެ ބިލު ބަލައިގަތީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލު ހުށަހަޅުއްވަމުން އިންތި ވިދާޅުވީ ބިލުގެ ބޭނުމަކީ އިންސާނީ ޝަރަފާއި ކަރާމާތަށް ފާޅުގަ އާއި ސިއްރުގައި އަރާފައިވާ މައްސަލަތައް ބެލުން ކަމަށާއި ބައެއް މައްސަލަތަކަށް ހައްލު ހޯދާނީ ކޯޓުން ބޭރުން ކަަމަށެވެ.

"ލާއިންސާނީ އަނިޔާތަކަށް ތަސައްލީއެއް ލިބޭނެ ގޮތް ތަކެއް ގާއިމު ކުރުން. މާޒީގައި ލިބިފައިވާ އަނިޔާތަކުން އަރައިނުގަނެވިފައި ތިބި ފަރާތްތަކުން މިންޖުވެ، ނަޖާވެ، މިކަންކަމަށް ހައްލެއް ލިބޭނެ ގޮތް، ސުލްހަ ގާއިމު ކުރެވޭނެ ގޮތް، ހޯދައި ދިނުން. އެގޮތުން މި ބިލުގައި ޖުޑީޝަލް އަދި ނޮން ޖުޑީޝަލް މެކޭނިޒަމެއް ކަނޑަޅަން. އެއީ ކޯޓުން ބޭރުން ކަންކަން ހައްލުކޮށް ކޯޓުން ބޭރުން ހައްލު ނުވާ ކަންކަން ކޯޓަށް ފޮނުވައިގެން،  ޝަރީއަތް ހިންގޭނެ ގޮތްތަކަކަށް އޮނިގަނޑު މި އެކުލަވާލަނީ،" މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިންތި ވިދާޅުވިއެވެ.

އިންތިގާލި އަދާލަތު ގާއިމު ކުރުމަށް ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ބިލުގައިވާ ގޮތުން އިންތިގާލި އަދާލަތުގެ ކޮމިޝަން އުފެއްދުމުން، މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބަލައި، ތުހުމަތު ކުރެވޭ ފަރާތްތަކަށް ދިފާއުގައި ވާހަކަ ދެއްކުމާއި ވަކީލެއްގެ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ލިބޭ ބާރުތައް

  1. ކޯޓު އަމުރެއްގެ ދަށުން މީހުން ހައްޔަރު ކުރުން
  2. ޕާސްޕޯޓް ހިފެހެއްޓަން ކޯޓު އަމުރަށް އެދުން
  3. ހެކިބަސް ނެގުމަށް މީހުން ހާޒިރު ކުރުން
  4. ތަންތަން ބަލައި ފާސް ކުރުމަށް ކޯޓު އަމުރު ހޯދުން
  5. ތަހުގީގީ އިދާރާއަކަށް ލިބޭ ބާރުތައް ލިބޭނެ

ސަރުކާރު ފަރާތުން އިންތި ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު، ޖިނާއީ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަތައް ފޮނުވަންވާނެ ކަމަށެވެ.

އިންތިގާލި އަދާލަތު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، މީޑިއޭޓަރެއްގެ ދައުރު އަދާކޮށް، މަދަނީ ހައްލު ހޯދުމަށް "އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަން"ގެ އޮފީހެއް އުފައްދަންޖެހޭ ކަމަށް ބުނެފައިވެއެވެ. އެ އޮފީހަށް އައްޔަން ކުރަންޖެހޭނީ ރާއްޖޭގެ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތިން މެމްބަރުންނެވެ.

އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަންގެ އޮފީހުގެ ބޭނުމަކީ އިންސާނީ ހައްގުތަކާ ހިލާފު މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި، މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ފެންނަ މައްސަލަތަކަށް ހައްލު ހޯދުމެވެ.

ދައުވާ ކުރުމާއި ހުކުމް ކުރުމުގައި އަމަލު ކުރާ އުސޫލު:

  1. ޕީޖީއަށް ފޮނުވުމުން، 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުން
  2. ދަށު ކޯޓަށް ހުށަހެޅުމުން 45 ދުވަހުގެ ތެރޭގައި ހުކުމް ކުރުން
  3. 10 ދުވަހުގެ ތެރޭގައި އިސްތިނާފު ކުރުން
  4. ހައި ކޯޓާއި ސުޕްރީމް ކޯޓުން 30 ދުވަހުން ހުކުމް ކުރަންވާނެ

ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުން ހުރި ތަނަކުން އެއްވެސް މީހަކަށް އަނިޔާއެއް ދީފައިވާނަމަ، އެކަމަށް ބެލުމަށް ބާރު އަޅާ "އިންތިގާލި އަދާލަތުގެ ގާނޫނު"ގެ މަގުސަދު ގާސިލުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެ ގާނޫނު އުވޭނެ ކަމަށް ބިލުގައިވެއެވެ.

- ކޮމެންޓް