ގދ.މަޑަވެއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އިތުރު ޖަނަރޭޓަރެއް ލިބިގެން ކަމަށް ފެނަކަ ކޯޕްރޭޝަންގެ މަޑަވެލި ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރު އިލްހާމް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު މެންދުރުފަހުން ފެށިގެން މަޑަވެލިން ކަރަންޓު އިރުއިރުކޮޅާ ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައެވެ.
މިމައްސަލާއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އިލްހާމް ވިދާޅުވީ މަޑަވެއްޔަށް ކަރަންޓު ދެމުންދަނީ ތިން ޖަނަރޭޓަރުން ކަމަށާއި، 160 ކިލޯވޮޓުގެ ޖަނަރޭޓަރުގެ ޑައިނަމޯ ހަލާކުވީ ކަމަށެވެ. އަދި އެހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިލްހާމް ވިދާޅުވީ އެރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ލިބިގެން ކަމަށާއި، މިހާރު ހުރި ޖަނަރޭޓަރުތަކުން ލޯޑް ބޮޑުވުމާއި ގުޅިގެން ކަރަންޓު ކެނޑެނީ ކަމަށެވެ. އަދި ވިދާޅުވީ އެވަރުގެ ކެޕޭސިޓީ ނެތް ކަމަށެވެ.
'' 3 ޖަނަރޭޓަރު ހުންނަނީ.340 އުފައްދަނީ 312 ލޯޑް އަރާ. އެއްވެސް ކަހަލަ ބެކަޕެއް ނެތް. މިފެއިލްވީ 160 ކިލޯވޮޓުގެ ޖަނަރޭޓަރެއް. އެއިން އުފައްދަނީ 120 ކިލޯވޮޓު.'' އިލްހާމް ވިދާޅުވިއެވެ.
ކުރިއަށް އޮތީ ރަމަޟާން މަސްކަން ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި މިމައްސަލަ މިހާރު ފެނަކަ ކޯޕްރޭޝަންގެ އިސްވެރިންނަށް އަންގާފައިވާ ކަމަށާއި، އުންމީދު ކުރަނީ އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އިލްހާމް ވިދާޅުވީ އިރުއިރުކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އާންމު މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.