ކ. ގުޅީގެ ކުނިގޮނޑުގައި ހޯމަ ދުވަހުގެރޭ ރޯކޮށްލީ ކަމަށާއި، އެއީ އާންމުކޮށް ކުރާ ކަމެއް ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ކައުންސިލްގެ ރައީސް މުހައްމަދު ފަތުހުﷲ ވިދާޅުވީ ރަށުގެ ހުޅަނގުކޮޅުގައި އޮންނަ ކުނިގޮނޑަކީ ރަށާއި ވަކިން އޮންނަ ތަނެއް ކަމަށާއި، ދުވަސް ދުވަހުން އެތަން އަންދަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ވިއްސާރަވުމާއި ގުޅިގެން ކުނިގޮނޑި އަންދާނުލެވޭތާ ދުވަސްތަކެއް ފާއިތުވެގެން ގޮސްފި ކަމަށެވެ.
ފަތުހުﷲ ވިދާޅުވީ ކުނިގޮނޑު އަންދާލުމާއި ގުޅިގެން ރަށުތެރެއަށް ދުންތައް ފެތުރިގެން ދިޔައީ ވައިހުރި ގޮތުން ކަމަށެވެ. މިހާސިދާގައި އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުނިމެނޭޖްކުރުމަކީ އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ފަތުހުﷲ ވިދާޅުވީ އުސޫލުތައް ކަނޑައެޅި ނަމަވެސް އަމަލު ކުރަނީ މަދު ބައެއް ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށް ކައުންސިލުން ވަކިވަކި ފަރާތްތަކާއި ބައްދަލުކޮށް ނަސޭހަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
''ރަށުގެ އިރުމަތީގަ ހުންނާނެ ކުނިވާޒާތުގެ އެއްޗެހި އެޅުމަށް ޑިސްބިންތައް ބަހައްޓާފަ. އެކަމަކު ޕްލާސްޓިކްއާ ކުނިވާޒާތުގެ އެއްޗެހި އެއްކޮށް އެބަ އުކާލާ. އެހެން އަމަލުކުރާ މީހުން ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ އެމީހަކާ ބައްދަލުކޮށް ނަސޭހަތް ދެމުން މިދަނީ އެގޮތަށް އަމަލުނުކުރުމަށް.'' ފަތުހުﷲ ވިދާޅުވިއެވެ.
ގުޅީގައި ކުނި މޭޖްކުރުމުގެ މަސައްކަތް ކުރަމުންދަނީ ކައުންސިލުންނެވެ.