ވިއްސާރަވުމަށް ފަހު ދެން މޫސުން ރަނގަޅު ވާ ދުވަސްވަރު އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެތީ އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ވިއްސާރަ ދުވަސްވަރެއްގައި ޖެހުމުގެ ފުރުސަތު އެންމެ ބޮޑުބަލިތަކަކީ ބޭރަށް ހިނގުމާއި އަރިދަފުސް ރޯގާ އާއި ތަފާތު އެކިވައްތަރުގެ ވައިރަލް ހުންތަކެވެ.
އެގޮތުން މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކަން ގުންޔާ ފަދަ ބަލިތައް ވެސް ހިމެނެއެވެ. މި ދެ ބައްޔަކީ އެޕްރީލްމަހުގެ މިހާ ހިސާބައް އައިރު ކޮންމެވެސް މިންވަރަކަށް ފެތުރުން މަދުވެފައިވާ ބަލިތައް ނަމަވެސް ވިއްސާރަވުމުގެ ސަބަބުން މިބަލިތައް ކުރިއެކޭ ވެސް އެއްގޮތަށް ފެތުރުމުގެ ފުރުސަތު ބޮޑުވެފައި ވެއެވެ.
އެހެންކަމުން މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަކިން ސަމާލުކަން ދޭންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ގޭތެރެ އާއި ގޯތިތެރޭގައި ފެންހަރުލާ ފަދަ އެއްޗެއް ހުރި ނަމަ އެތަކެތި ރަނަގަޅަށް ސާފްކުރަންޖެހޭ ކަމަށާއި އެގޮތުން އެންމެ ރަނގަޅީ ހަފްތާއަކު އެއް ފަހަރު ދޮންނަ އުސޫލުން އެކަން ކުރުން ކަމަށް ބުނެއެވެ.
މީގެ އިތުރުން ވެސް އެޗްޕީއޭ އިން ބުނީ ކޮންމެ މީހަކު ވެސް ފަރުދީ ޒިއްމާގެ ގޮތުގައި ދެކިގެން ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެންމެން އެއްވެގެން ހިންގަން ޖެހޭ ބައެއް ހަރާކަތްތައް ހުންނާނެ ކަމަށެވެ. ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ކެއުމުގެ ކުރިންނާއި ފާޚާނާކޮށްގެން ވެސް ސައިބޯނި ލައިގެން އަތް ދޮވުމާއި، ގަޔަށް ދޫ އަދި ބޮޑަށް ނިވާވާ ހެދުން ލުން ހިމެނޭ ކަމަށެވެ. އަދި ބޭރަށް ނުކުންނައިރު މަދިރި ލޯޝަން ލުމާއި އިރު އޮއްސޭ ވަގުތާއި އިރު އަރާ ވަގުތު ގޭގޭގެ ދޮރުތައް ލެއްޕުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.
ޑެންގީ އިތުރުވާ ރަށްރަށުގައި މުޅި ރަށް ސާފްކުރުމުގެ މަސައްކަތް ކުރެވިދާނެކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ރައްޔިތުންނާއި ރަށު ކައުންސިލާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެންޖީއޯތައް އެކުވެގެން މުޅި ރަށުގައި ފޮގު ކުރެވިދާނެ ކަމަށާއި ޖަންކުޝަންތަކާއި ކުނި ގޮނޑު ފަދަ ތަންތަން ސާފު ކުރެވިދާނެ ކަމަށެވެ.