އިންޑިއާގެ މުމްބާއީގައި ބޭއްވި އެ ޤައުމުގެ އެންމެ ބޮޑު އެއް ޓްރަވެލް ޓްރޭޑް ފެއަރ (އޯޓީއެމް)ގައި އެންމެ ރަނގަޅު ސްޓޯލްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ލިބިފައި ވަނީ ރާއްޖޭގެ ސްޓޯލް ޒީނަތްތެރިކޮށްފައި ހުރި ގޮތް ރީތިކަމުންނެވެ. ފެއަރގެ ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ގޮތަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުގެ ރީތި މަންޒަރުތައް ވެސް ސްޓޯލުން ފެންނަން ހުރެއެވެ. މި ފެއަރ ކުރިއަށް ގެންގޮސްފައި ވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމަކީ އެންމެނަށް އެކަށީގެންވާ ގޮތުގައި ޗުއްޓީ ހޭދަކޮށްލެވޭނެ ފަދަ ސިނާއަތެއް އޮތް ޤައުމެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފައެވެ. މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް (އެމްއެމްޕީއާރުސީ) އިން ބުނީ މި ފެއަރގައި ބައިވެރިވުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކަމަށެވެ.
އިންޑިއާގެ އޯޓީއެމް ފެއަރގައި 1000 އެގްޒިބިޓަރުން ހިމެނޭ ގޮތަށް 50 ގައުމެއްގެ މީހުންގެ މީހުން ބައިވެރިވިއެވެ. މީގެ އިތުރުން މި ފެއަރގައި އިންޑިއާގެ ފިލްމީ ސިނާއަތުގެ ބައެއް ފަރާތްތަކުން ވެސް ބައިވެރިވިއިރު، ބޮލީވުޑްގެ އެންމެ މަގުބޫލު 30 ޕްރޮޑިއުސަރަކު އޭގެ ތެރޭގައި ހިމެނެއެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 90,474 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.