އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތް ކަމަށާއި، އަދުލަށް ހުކުމްކޮށް މަޤާމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.
މަޤާމުގެ އަމާނާތާއި މަސްއޫލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ޚުތުބާގައި އާދައިގެ އިދާރާތަކާއި އޮފީސްތަކުގެ ވެރިކަމުން ފެށިގެން ޤައުމުގެ އެންމެ މަތީ ވެރިކަމާ ހަމައަށް ވެސް އަމާނަތްތެރިވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އޭގެ އިތުރުން، މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތަށް މަގުފަހިވެދާނެ އެއްޗަކަށް ވެދާނެ ކަމަށާއި، ވަޒީފާގެ ގޮތުން ލިބޭ ހަދިޔާތައް ބަލައިގަތުން ހުއްދަވެގެން ނުވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
އިސްލާމްދީނުގެ ވާޖިބުތައް އަދާކުރުމުގައި އަމާނަތްތެރިވެ، ބާރުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުން ފަދަ ކަންކަމާ ދުރުހެލިވުމަށް ގޮވާލައި މިއަދުގެ ޚުތުބާގައި ވަނީ އަދުލަށް ހުކުމް ކުރުމުގެ މުހިއްމު ކަމަށް ވެސް އަލިއަޅުވާލާފައި ވެއެވެ.
" ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަ ބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމް ކުރާނަމަ އަދުލަށް ހުކުމް ކުރުމަށްވެސް އަމުރު ކުރައްވަތެވެ. " މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
ވެރިކަމުގައި ތިބޭ މީހުން އެ މީހުންގެ ދަށުން ތިބޭ މީހުންނަށް އަނިޔާވެރި ނުވުމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައި ވެއެވެ.
" ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވީނަމަވެސް އޭނާގެ ބާރުގެ ދަށުގައިވާ ތަނެއްގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމަށް މުސްލިމުންގެ ކަންކަމާ ހަވާލުވާ ވެރިންނަށް ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. " ޚުތުބާގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، މަޤާމުތަކަށް މީހުން އައްޔަނު ކުރާއިރު ވެސް އަމާނަތްތެރި، ޤާބިލު އަދި މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ފަދަ މީހުން އައްޔަނު ކުރުމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައި ވެއެވެ.