އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ދިވެހިރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ޔުނިވަރސަލްަ އޭވިއޭޝަނާއި، އިނަރ މޯލްޑިވްސް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުނި، ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސްގެ ދަށުންނެވެ. ރާއްޖެ އަކީ ޔުނިވަރސަލް އޭވިއޭޝަނުން އޭޝިއާ ޕެސިފިކް ރީޖަންގައި ހިދުމަތް ފެށި އަށްވަނަ ގައުމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހަނިމާދޫ އަދި މާމިގިލި އެއަރޕޯޓަށް ވެސް ޔުނިވަރސަލް އޭވިއޭޝަނުން ހިދުމަތް ފޯރުކޮށްދޭނެއެވެ.
މި ހިދުމަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިނަރ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާޤު ވިދާޅުވީ ދުނިޔޭގެ އެކި ފެންވަރުގެ މީހުން ރާއްޖެ އައުމުގައި އޮތް ވަސީލަތްތަކަށް އެހާ ބޮޑަށް އަޅާނުލެވިވާ ކަމަށާއި އެމީހުންގެ ޕްރައިވެސީ މި ހިދުމަތުގެ ސަބަބުން ކަށަވަރުވެގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ކުރީގައި ވެސް މިހާރުގައި ވެސް ދިމާވާ މައްސަލައަކީ ބައެއް ކްލައިންޓުންނަކީ ސިއްރިއްޔާތުގައި އަންނަ ބައެއް، ބޭނުންނުވަނީ އެހެން މީހުންނަށް އެނގެން، އެހެންނަމަވެސް އަގު ބޮޑުކޮށް އެތައް ލައްކަ ޑޮލަރެއް ހަރަދުކޮށްފައި ރާއްޖެ އަންނަ ގެސްޓު މީހާ ބޭނުމެއް ނުވޭ އެހާ ބޮޑަށް މީހުންނަށް އެނގޭކަށް، އެހެންނަމަވެސް އެމީހުން ބޭނުންވާ ގޮތަކަށް ކަންތައްތަކެއް ނުދޭ ކުރިއަކަށް، އެހެންނަމަވެސް މި ހިދުމަތާއެކު އެކަންތައްތައް ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރަން" ފިރާޤު ވިދާޅުވިއެވެ.
އިނަރ މޯލްޑިވްސް އިން މީގެ 5 އަހަރު ކުރިން ޔުނިވަރސަލް އޭވިއޭޝަންއާއެކު މަސައްކަތް ކުރަމުންދިޔައީ އެޖޭންޓެއްގެ ގޮތުންނެވެ. އެހެންނަމަވެސް މިހާރު ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސްގެ ނަމުގައި މި ހުޅުވުނު ޖޮއިންޓް ވެންޗަރ ކުންފުނި މެދުވެރިކޮށް އެ ހިދުމަތް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އިނަރ މޯލްޑިވްސް އިން ބުނެއެވެ.
ޔުނިވަރސަލް އޭވިއޭޝަން ކުންފުންޏަކީ ބިޒްނަސް އޭވިއޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ލިބިފައިވާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. މި ކުންފުނީގެ ފަރާތުން މިހާތަނަށް 19 ޤައުމެއްގެ 47 ލޮކޭޝަނަށް ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ.