20 އަހަރުގެ ތެރޭގައި ޗައިނާގެ ކާރުގެ ވިޔަފާރި ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެއެވެ.
ޗައިނާ ޕެސެންޖަރ ކާރު އެސޯސިއޭޝަންގެ ރިޕޯޓްތައް ދައްކާ ގޮތުން ޗައިނާގެ ކާރުގެ ވިޔަފާރީ ދަށަށް ގޮސްފައިވަނީ 6 އިންސައްތައެވެ. އެ އެސޯސިއޭޝަން އިން މިހެން ހާމަކޮށްފައިވަނީ ޗައިނާގެ އިޤްތިސާދު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ކާރުގެ ވިޔަފާރި ކުރާ ފޯޑް، ލޭންޑް ރޯވަރ އަދި ޖެނެރަލް މޮޓޯސް ފަދަ ކުންފުނިތަކުން ޗައިނާގެ ކާރުގެ ވިޔަފާރީ ފާއިތުވި މަސްތަކުގައި ދަށްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ވިޔަފާރި ދަށްވި މައިގަނޑު ސަބަބަކީ ޗައިނާގެ އިޤްތިސާދަށް އައި ބަދަލުގެ އިތުރުން ޗައިނާ އާއި އެމެރިކާއާ ދެމެދު ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ދަ ޗައިނާ އެސޯސިއޭޝަން އޮފް އޮޓޯ މޮބައިލްސް މެނުފެކްޗާޒްގެ ފަރާތުން ވަނީ ތުހުތަމުކޮށްފައެވެ. މިދިޔަ އަހަރު އެމެރިކާ އާއި ޗައިނާއިން އެއްގައުމު އަނެއް ގައުމެއްގެ މުދަލުން ވަނީ ވަރަށް ބޮޑެތި ޑިއުޓީތައް ނަގަން ފަށާއެވެ.
މި އެސޯސިއޭޝަންގެ ފަރާތުން ލަފާކޮށްފައިވާ ގޮތުން މިއަހަރު ކާރުގެ ވިޔަފާރީއަށް ބަދަލެއް ނާންނާނެއެވެ. އަދި މިހާރު ޕެޓްރޯލާއި ޑީސަލަށް އޮންނަ ޑިމާންޑް ކުޑަވުމުން އިލެކްޓްރޯނިކް ކާރުގެ ވިޔަފާރި ރަނގަޅު ކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އެސޯސިއޭޝަނުން ދެކެއެވެ.
ޗައިނާ ސަރުކާރުން ވަނީ ކާރުތައް ގަތުމަށްޓަކައި އެ ޤައުމުގެ ރައްޔިތުންނަށް ދެމުން އައި ސަބްސިޑީ ވެސް ކަނޑާލާފައެވެ. ނަމަވެސް އެ ގައުމުގެ ޗައިނާ ނެޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަންއިން ކާރު ގަތުމަށް ބާރުއަޅާ ސިޔާސަތުތަކެއް ތައާރަފް ކުރަން ނިންމާފައި އޮތުމުން ކާރުގެ ވިޔަފާރި ރަނގަޅު ވެދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.