ގޯލްޑް 100 އެވޯޑް ދިނުމުގެ ހަފްލާ އަންނަ މަހު 23 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ގެޓަވޭސް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެކެވެ.
ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ. 2017 ވަނަ އަހަރުގެ ގޯލްޑް 100 އެވޯޑް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އަށާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރ އަދި އެ ކުންފުނީގެ އެއް ބާނީ ކަމުގައިވާ އަހުމަދު ނަޒީރަށެވެ.
ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެއެވެ.
މިދިޔަ އަހަރު "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ މި އެވޯޑް ހަފްލާ ބާއްވާ މިއީ ތިންވަނަ ފަހަރެވެ.