ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދާއި ކެންޓީން ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން ހޯމަ ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހަޅައި، އެ ގަވާއިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާއެކު ވަކި ޚާއްސަ ފީއެއް ދެއްކުމުންނެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ޝަރުތުތައް ފުރިހަމަވުމާއެކު، 2،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އެ ހުއްދަ ދޭނީ ކޮންމެ ފަހަރަކު 2 އަހަރުގެ މުއްދަތަށެވެ. އަދި އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެއެވެ.
ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ސާފުކޮށް ފެންނަ ހުރުމާއެކު 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމުގެ އިތުރުން ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި އެ ފިހާރައެއް ހިންގާކަމުގައިވާނަމައެވެ.
ގަވާއިދުތަކަށް ގެނައި އިސްލާހުތައް ބުނާ ގޮތުން ކެފޭ އަދި ރެސްޓޯރެންޓްތަކާއި ކެންޓީންތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެވޭނީ މެންދަމު 1 އިން ފެށިގެން ފަތިހު 4:30 ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި އެތަންތަނުގެ އެތެރެ އަލިކޮށްފައި ހުރުމުންނެވެ.
24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިންނަމަވެސް ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދެއެވެ.
ރައިސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ. އަދި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ.