ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 17:50
ކޮންރެޑް ރަންގަލީގެ ބީޗްވިލާގެ ފޮޓޯއެއް
ކޮންރެޑް ރަންގަލީގެ ބީޗްވިލާގެ ފޮޓޯއެއް
މޯލްޑިވްސް އިންސައިޑަރ
ކޮންރެޑް ރަންގަލި
ކޮންރެޑް ރަންގަލީގެ ބީޗްވިލާ މަރާމާތަށްފަހު ހުޅުވައިފި
ވިލާތައް ފަރުމާކޮށްފައިވަނީ އެއް ވިލާ އަނެއް ވިލާ އާއި ދުރުދުރުގައި
މަރާމާތަށް 128 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ޑިއުލެކްސް ބީޗް ވިލާތައް މަރާމާތަށްފަހު މި މަހުގެ 20 ވަނަ ދުވަހު ހުޅުވައިފިއެވެ.

އެ ރިސޯޓުން ބީޗް ވިލާތައް މަރާމާތު ކުރުމަށް 8.3 މިލިއަން ޑޮލަރު (128 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެއެވެ. އެ ވިލާތައް ފަރުމާކޮށްފައިވަނީ ޖަޕާނުގެ ބަގީޗާތައް އަސްލަކަށް ބަލައިގެން ގަހާއި މާތަކުގެ ތެރޭގައެވެ. ރިސޯޓުން ބުނެފައިވަނީ ވިލާތައް ފަރުމާކޮށްފައިވަނީ އެއް ވިލާ އަނެއް ވިލާ އާއި ދުރުދުރުގައި ހުންނަ ގޮތަށް ކަމަށެވެ. އެގޮތަށް ވިލާތައް ފަރުމާ ކުރަން ނިންމީ ފަތުރުވެރިންނަށް ޕްރައިވެސީ ދިނުމަށް ކަމަށްވެސް ރިސޯޓުން ބުނެއެވެ.

އެ ރިސޯޓުން ދާދި ފަހުން ވަނީ ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ވިލާވެސް ހުޅުވާފައެވެ. އެ ރިސޯޓުން ހުޅުވާފައިވާ ވިލާއަށް ދީފައިވާ ނަމަކީ 'ދަ މުރަކަ' އެވެ. ދެ ފަންގިފިލާއަށް ޑިޒައިންކޮށްފައިވާ "ދަ މުރަކަ" ހަދަން 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހޭދަކުރި ކަމަށާއި އެތަނުގައި އެއް ރޭ ހޭދަކޮށްލުމުގެ އަގަކީ 50،000 ޑޮލަރު ކަމަށް ރިސޯޓުން ބުނެއެވެ.

ކޮންރެޑް ރިސޯޓުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކާ މޮބައިލް އެޕްލިކޭޝަނެއް ވަނީ ތައާރުފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަތުރުވެރިން ރިސޯޓަށް ޒިޔާރަތް ކުރުމުގެ ކުރިން، ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ގޮތް ޕްލޭން ކޮށްލެވޭނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޝަރަފުވެރި އެވޯޑްތައް ހޯދާފައިވާ ކޮންރެޑް މޯލްޑިވްސް އިން ކުރިން ވަނީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓްވެސް ހުޅުވާފައެވެ. "އިތާ" ގެ ނަން ދީފައިވާ އެ ރެސްޓޯރަންޓާއި އެކު އެތައް ބައެއްގެ ސަމާލުކަން އެ ރިސޯޓަށް ލިބިގެން ދިޔައެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަކީ އދ. ރަންގަލިފިނޮޅުގައި ހިލްޓަނުން ތަރައްގީކޮށް، ހިންގަމުން އަންނަ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 150 ވިލާ އާއި 12 ރެސްޓޯރަންޓް، އަދި ދެ ސްޕާވެސް ހުރެއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައިވެސް ހިމެނޭ އެ ރިސޯޓަކީ ކްރައުން ކޮންޕެނީގެ ރިސޯޓެކެވެ. ކްރައުން ކޮމްޕެނީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

- ކޮމެންޓް