މި އަހަރުގެ ތިން ވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ސާފު ފައިދާ ދަށަށް ހިނގައްޖެއެވެ.
އެމްޓީސީސީގެން އާންމުކޮށްފައިވާ ތިން ވަނަ ކުއާޓާގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 327،963ރ. އެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 17.4 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 މިލިއަން ރުފިޔާގެ ފަރަގެއް އުޅެއެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 13 މިލިއަން ލިބިފައި ވެއެވެ.
އެމްޓީސީސީގެ ތިން ވަނަ ކުއާޓާގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 264 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ތިން ވަނަ ކުއާޓާގެ އާމްދަނީ އިތުރުވި ނަމަވެސް ކުންފުނީގެ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާ ބަލާ އިރު ކުންފުނީގެ "ކޯސްޓް އޮފް ސޭލް" ވަނީ 55 މިލިއަން ރުފިޔާ އިތުރުވެފައެވެ.
މީގެ އިތުރުން ތިން ވަނަ ކުއަޓާގައި ފައިނޭންސް ކޮސްޓްގެ ގޮތުގައި 11 މިލިއަން ހޭދަކޮށްފައިވާއިރު ކުންފުނީގެ އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި 35 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި އެ ކުންފުނީގައި މިހާރު 1830 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި 114 މުވައްޒަފުން ވަނީ އިތުރުވެފައިވެއެވެ. އެ މުއްދަތުގައި އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ޒިޔަތެވެ.
އެމްޓީސީސީން މިހާރު ކުރިއަށްދާ މަޝްރޫއުގެ ތެރޭގައި ސޯމިލް އެހެން ތަނަކަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ކ. ތިލަފުށީގެ ބިން ހިއްކުމާއި ތޮށިގަނޑުލުމުގެ މަޝްރޫއު އާއި ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަޝްރޫއު އާއި ހއ. މާފިނޮޅުގެ ބިން ހިއްކުމުގެ މަޝްރޫއު އާއި ކ. ހުރާގެ ބިން ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ.