Advertisement
ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 18:19
މާލޭގައި ފެންބޮޑުވުން
މާލޭގައި ފެންބޮޑުވުން
އަޒުމޫން އަހުމަދު
ވާރޭވެހި މާލޭގައި ފެންބޮޑުވުން
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށް އަރައިފި
މާލޭގެ 214 ގެއެއްގެ އެސެސްމަންޓު ހެދިފައިވޭ
ބާކީ ހުރި 41 ގޭގެ އެސެސްމަންޓު ހޯމަ ދުވަހު ފެށޭނެ
6 ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ހަސަން ވިދާޅުވީ، މާލޭގެ 214 ގެއަކަށް ލިބިފައިވާ ގެއްލުމުގެ އެސެސްމަންޓު ހަދަން ފޮނުވައި، ހޮނިހިރު ދުވަހުގެ ނިޔަލަށް އޭގެތެރެ އިން 173 ތަނެއްގެ އެސެސްމަންޓު ހަދައި ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން، ބާކީ ހުރި 41 ގޭގެ އެސެސްމަންޓު އެކި ސަބަބުތަކާހުރެ ލަސްވެފައިވާ ކަމަށާއި، ހޯމަ ދުވަހު އަލުން އެސެސްމަންޓު ހަދަން ފަށާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. 

ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 6 ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މ. ލޮނަދޫގެ އަށް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި މި ގެތަކަށް އެމް.ޑަބްލިއު.އެސް.ސީ އާއި ސްޓެލްކޯ އިން ފައިސާއާއި ރިލީފްގެ އެހީގެ ގޮތުގައި ގޮދަނޑި، ބާލިސް، އަދި އަންނައުނު ހަދިޔާކޮށްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ އެސެސްމަންޓުތައް ނިމިފައިވާ ގެތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ފައިސާގެ ރަމްޒީ އެހީ ދޭނެ ކަމަށާއި، އަދި އެހީ ލިބޭ ފަރާތްތަކުގެ ލިސްޓް ހޯމަ ދުވަހު ފައިނަލް ކުރެވިގެންދާނެ ކަމަށެވެ. 

މެދު ކެނޑުމެއް ނެތި މާލެ އަށް ބުދަ ދުވަހު ވެހުނު ވާރޭގައި އެންމެ ބޮޑެތި ގެއްލުންތަކެއް ވެފައި ވަނީ މާފަންނު ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދުގެ ގެތަކަށާއި ގުދަންތަކަށާއި ފިހާރަތަކާއި ކެފޭތަކަށް ފެން ވަދެ، އަގުބޮޑެތި މުދާތަކަށް ވަނީ ގެއްލުންވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް