Advertisement
ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 13:58
ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އިޤުރާރުގައި ސޮއިކުރުން
ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އިޤުރާރުގައި ސޮއިކުރުން
ރާއްޖެއެމްވީ
އއ އުކުޅަސް
ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާ ފުރަތަމަ ރަށަކަށް އުކުޅަސް!
ގެސްޓް ހައުސްތަކުގައި ފެން ފިލްޓަރ ކުރެވޭނެ ގޮޮތް ހަދަނީ
މި ނިންމެވުމަށް ރައްޔިތުންގެ ރުހުން ވަރަށް ބޮޑަށް ލިބޭ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ނުވަތަ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާ ފުރަތަމަ ރަށަކަށް ވުމަށް، އެބާވަތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން އއ. އުކުޅަހުގެ ހުރިހާ މުއައްސަސާތަކުން ނިންމައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ އެރަށު ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކާއި، ކުންފުނިތަކުގެ އިތުރުން ހުރިހާ ގެސްޓްހައުސް ތަކުން އެއްބަސްވެ ހޮނިހިރު ދުވަހު އިޤުރާރެއްގައި ސޮއި ކުރެއްވުމަށްފަހުއެވެ.

"ސިންގަލް-ޔޫސް-ޕްލާސްޓިކް" ބޭނުންކުރުން ހުއްޓާލުމުގެ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ:ރާއްޖެއެމްވީ

 

އެކަމާ ގުޅޭ ގޮތުން ރާއްޖެެއެމްވީއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، މިގޮތަށް ނިންމެވީ މުޅި ރާއްޖެ ސާފު ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތާ ގުޅިގެން ރާއްޖެތެރެއިން އެންމެ ފުރަތަމަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލާ ރަށަކަށް އުކުޅަސް ހެދުމަށް ކަމަށެވެ. 

ޝައުކަތު އިތުރަށް ވިދާޅުވީ އެރަށު ގެސްޓް ހައުސްތަކުގައި ފެން ފިލްޓަރ ކުރުމުގެ ނިޒާމް ގެސްޓު ހައުސްތައް ހިންގާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ޤާއިމުކުރެވިގެން ދާނެ ކަމަށާއި، އެހެން މުއައްސަސާ ތަކުގައި ކައުންސިލުގެ ޚަރަދުގައި މި ސިސްޓަމް ޤާއިމު ކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ފެން އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފުޅި ފޯރުކޮށްދޭނީ ކައުންސިލުގެ ފަރާތުން ކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ. އަދި އުކުޅަހު ކައުންސިލާ އެކި މުއައްސަސާތައް އެއްބަސްވެ ނިންމާފައިވާ މި ނިންމެވުމަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބޭ ކަމަށްވެސް ޝައުކަތު ވިދާޅުވެފައިވެއެވެ.

ތިމާވެއްޓާ ގުޅޭ ގިނަ  މަޝްރޫތަކެއް ހިންގާ މި ރަށަކީ ކުނި މެނޭޖް ކުރުމަށްވެސް ބޮޑު އިސްކަމެއް ދެއްވާ ރަށެކެވެ. އެގޮތުން ކުނި މެނޭޖުކުރުމާ ގުޅޭ ގޮތުން އެހެން ރަށްރަށުގެ ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައިދީ 78 ކައުންސިލަރުން ތަމްރީނު ކޮށްދީފައިވާއިރު، ތިމާވެށީގެ ދާއިރާއިން އަގުހުރި ޚިދުމަތްތައް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފެހިފަތް އެންމެ ފުރަތަމަ ހާސިލުކޮށްފައިވާ ރަށަކީވެސް އުކުޅަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް