ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 22:48
ރަނިލް ވިކްރަމަސިންހަ (ކ) ރައީސް ސިރިސޭނާ އާއިއެކު
ރަނިލް ވިކްރަމަސިންހަ (ކ) ރައީސް ސިރިސޭނާ އާއިއެކު
ގޫގުލް
ލަންކާގެ ސިޔާސީ މަސްރަހު
ބޮޑުވަޒީރަކީ އަދިވެސް އަޅުގަނޑު: ރަނިލް
ރަނިލް މަޤާމުން ވަކިކުރިކަން އެންގުމުގެ ކުރިން ރާޖަޕަކްސަ މަޤާމަށް އައްޔަންކޮށްފައިވޭ

ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރެއްވީ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށާއި، އަދިވެސް ބޮޑުވަޒީރަކީ އެމަނިކުފާނުކަމަށް ވެރިކަން ކުރަމުން އައި ޔޫއެންޕީގެ ލީޑަރު އަދި ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ޔޫއެންޕީއިންވެސް ބުނެފައިވަނީ ބޮޑުވަޒީރަކީ އަދިވެސް ރަނިލްކަމަށެވެ. އަދި ލަންކާގައި ކޮށްގެން އުޅެނީ ބަޣާވާތެއްކަމަށް ޔޫއެންޕީގެ އިސް ބޭފުޅުންނާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

ރައީސް މައިތިރިޕާލާ ސިރިސެނާއާއި ބޮޑުވަޒީރުކަމަށް މިއަދު އައްޔަން ކުރެއްވި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ރައީސް އޮފީހުގައި ތިއްބަވައިގެން ސަރުކާރުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއި، ދައުލަތް ހިންގުން ހުއްޓުމަކަށް ނާންނާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވަމުން ގެންދަވާއިރު، ބޮޑުވަޒީރުގެ އޮފީސް ޓެމްޕަލް ޓްރީސްގައި ރަނިލް ގެންދަވަނީ ދެން ކަންތައް ކުރައްވާނެ ގޮތަކާއި ބެހޭ ގޮތުން ޔޫއެންޕީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވަމުންނެވެ. 

ރަނިލް ވިދާޅުވީ އެމަނިކުފާނުގެ މެޖޯރިޓީ ޤާނޫނު ހަދާ މަޖިލީހުގައި އެބައޮތްކަމަށާއި، އެކަން ވަރަށް އަވަހަށް ދައްކަވާނެ ކަމަށެވެ. އަދި ބޮޑުވަޒީރުކަމުގެ ހުވައި ރާޖަޕަކްސަ ކުރެއްވީ ޤާނޫނާއި ޚިލާފަށްކަމަށް ރަނިލް ވިދާޅުވިއެވެ. ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި މެޖޯރިޓީ ދެއްކުމަށް 113 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. 

ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރުމުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންކަމަށް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ސިރިސޭނާ ވަނީ ކެބިނެޓް އުވާލާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކެބިނެޓްގެ ތަރުޖަމާނު ވިދާޅުވީ ކެބިނެޓް އުވާނުލެވޭކަމަށާއި، ރައީސް ސިރިސޭނާއަށް ރަނިލް ބޮޑުވަޒީރުކަމުން ދުރު ނުކުރެވޭނެކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް