ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 04:18
އެމެރިކާ - މެކްސިކޯ ސަރަހައްދީ ރޮނގުގައި ފޯރިމަރަން ހުރި ސިފައިންގެ މީހެއް
އެމެރިކާ - މެކްސިކޯ ސަރަހައްދީ ރޮނގުގައި ފޯރިމަރަން ހުރި ސިފައިންގެ މީހެއް
ރޮއިޓަރސް
އެމެރިކާ - މެކްސިކޯ
އެމެރިކާ - މެކްސިކޯ ބޯޑަރު ކައިރިއަށް އިތުރު ސިފައިން ފޮނުވަނީ
7 ހާހެއްހާ ރެފިއުޖީން ވަނީ އެމެރިކާއަށް އެތެރެވުމަށް މިސްރާބު ޖަހާފައި

އެމެރިކާއަށް އެތެރެވުމަށް ފައި މަގުގައި ދަތުރުކުރަމުންދާ މެދުތެރޭ އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ އެތައް ހާސް ރެފިއުޖީން ހިމެނޭ ޤާފިލާ ހުއްޓުވުމަށް އެމެރިކާގެ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް 800 ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. 

މެދުތެރޭ އެމެރިކާގެ އެކި ޤައުމުތަކަށް ނިސްބަތްވާ 7000 އެއްހާ މީހުން މި ޤާފިލާގައި ތިބިކަމަށް އިންޓަރނޭޝަނަލް މައިގްރޭޝަން އޯގަނައިޒޭޝަނުން ލަފާކުރެއެވެ. އެމީހުން މިވަގުތު ތިބީ މެކްސިކޯގެ ކިއާޕަސް ސްޓޭޓްގެ ތެރޭގައެވެ. އެމީހުންނަށް އެމެރިކާގެ ސަރަހައްދީ އިމާއި ހިސާބަށް ދާން އަދި ހަފްތާތަކެއް ނަގާނެއެވެ. މީގެ ތެރޭގައި ގިނައިން ތިބީ ގުއަޓަމާލާ، ހޮންޑިއުރަސް އަދި އެލް ސެލްވަޑޯރ ފަދަ ޤައުމުތަކުގައި ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކުން ސަލާމަތްވެ، ރައްކާތެރި ދިރިއުޅުމެއް ހޯދުމަށް އެމެރިކާއަށް މިސްރާބު ޖަހާފައިވާ މީހުންނެވެ. 

ޙިމާޔަތް ހޯދުމުގެ ނިޔަތުގައި އެމެރިކާގެ ސަރަހައްދީ ރޮނގަށް އައިސް ޙިމާޔަތަށް އެދިއްޖެ ކޮންމެ މީހެއްގެ ވާހަކަތައް އަޑު އެހުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސޮއެކޮށްފައިވާ މުޢާހަދާތަކުގެ ދަށުން އެމެރިކާއަށް މަޖުބޫރު ކަމެކެވެ. އެހެންނަމަވެސް މިސްރާބު ބަދަލުކޮށް، އަނބުރާ ޤައުމަށް ދިޔުމަށް އެމީހުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި 800 އެއްހާ ސިފައިން ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަަށް ޕެންޓަގަންއިން ނެރޭނެއެވެ. އެހެން ނަމަވެސް ސިފައިން ނެރެނީ އާއްމު ސިފައިންގެ ތެރެއިންކަމެއް ނުވަތަ ނޭޝަނަލް ގާޑުންކަމެއް އަދި ކަށަވަރެއް ނޫނެވެ. މިހާރުވެސް ބޯޑަރ ޕެޓްރޯލް އޮފިސަރުންނަށް އެހީވުމަށް 2 ހާހަށްވުރެ ގިނަ ސިފައިން އެމެރިކާ - މެކްސިކޯ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރި ވަމުންދެއެވެ. 

ގިނަ އަދަދެއްގެ ރެފިއުޖީން އެޤައުމުތަކުން އެމެރިކާއަށް އެތެރެވާ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުއަޓަމާލާ، ހޮންޑިއުރަސް އަދި އެލްސެލްވަޑޯރ އަށް ދެމުންދާ އެހީތައް ހުއްޓާލާނެކަމުގެ އިންޒާރު ދެއްވާފައެވެ. 

ޓްރަމްޕްއަކީ ފަޤީރު ޤައުމުތަކުންނާއި ހަމަނުޖެހުންތައް ހިނގަމުންދާ ޤައުމުތަކުން، އަދި މުސްލިމް ޤައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުމާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް