ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 13:50
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މި މަހުގެ ކުރީކޮޅު ކޯޓަށް ހާޒިރުވެވަޑައިގެން
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މި މަހުގެ ކުރީކޮޅު ކޯޓަށް ހާޒިރުވެވަޑައިގެން
ރޮއިޓަރސް
1އެމްޑީބީ ކޮރަޕްޝަން
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ޓްރެޝަރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްފި
ނަޖީބުގެ ކުރީގެ ނައިބާއި އަނބިކަނބަލުންގެ މައްޗަށް ވެސް ދައުވާތަކެއް ކޮށްފައިވޭ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގައި އެ މަނިކުފާނުގެ ސަރުކާރުގެ ދުވަސްވަރު ޓްރެޝަރީގެ އެންމެ އިސް ސިވިލްސަރވަންޓުގެ މައްޗަށް ދައުލަތުގެ ފައިސާއިން 1.58 ބިލިއަން ރުފިޔާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައިގައި ދައުވާކޮށްފިއެވެ.

ނަޖީބް އާއި ޓްރެޝަރީގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް މޮހްދު އިރްވާން ސެރިގާރް ބުރާސްފަތި ދުވަހު ކުއާލަލަމްޕޫރުގެ ކޯޓަށް ހާޒިރުކޮށްފައިވާއިރު ހަ ދައުވާއެއް އުފުލިއެވެ.

ނަޖީބާއި މޮހްދު ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރަށް ވުރެ ކުރުނޫން މުއްދަތަކަށް ޖަލަށްލައި އަދި ޖޫރިމަނާކޮށް ދުއްރައިން ތެޅިދާނެއެވެ. ނަޖީބާއި އިރްވާން ވެސް އުމުރު ތަން ނުދޭތީ ސާބިތުވި ނަމަވެސް ނުތަޅާނެއެވެ. ދައުލަތުގެ ފަންޑެއްގެ ގޮތުގައި ގާއިމުކުރި 1 އެމްޑީބީގެ ތެރެއިން ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ އެކު ރައްޔިތުންގެ ނަފްރަތު އުތުރިއަރައި މެއި މަހު ބޭއްވި އިންތިޚާބުގައި ބޮޑުތަފާތަކުން ބަލިވެ ނަޖީބުގެ ވެރިކަން ބަދަލުވެގެން ދިއައެވެ.

ކުރިން ވެސް ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ މިހާރުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ސަރުކާރުން ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ބާރުމިނުގައި ހިންގަން ފަށާފައެވެ.

ނަޖީބާއި އިރްވާންގެ މައްޗަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރީ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޚާއްސަކުރެވިފައި ހުރި 53 މިލިއަން އެމެރިކާ ޑޮލަރާއި ސަބްސިޑީ އާއި ފައިސާގެ އެހީގެ ބޭނުންކުރުމަށް ހުރި 312 މިލިއަން އެމެރިކާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ 1.2 ބިލިއަން އެމެރިކާ ޑޮލަރަކަށް ވެސް ޚިޔާނާތްތެރިވެފައިވާ ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރެއެވެ.

ނަޖީބްގެ މައްޗަށް މިހާރު ވެސް މަނީ ލައުންޑަރިންގއާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާ އެކު ޖުމްލަ 32 ދައުވާއެއް އުފުލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް