ޗައިނާއިން އެ ގައުމުގެ ޓެރިޓަރީގެ ގޮތުގައި ބަލާ ސަރަހައްދުން އިންޗިއެއް ވެސް ދޫ ނުކުރާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އަމިއްލަ ވެރިކަމެއް ހިނގަމުންދާ އަދި ޗައިނާއިން އެ ގައުމުގެ ބައެއްގެ ގޮތުގައި ދެކޭ ޓައިވާން ކަމަށްވިޔަސް ނުވަތަ ޚިލާފް އުފެދިފައިވާ ސައުތު ޗައިނާ ކަނޑުވިޔަސް އެންމެ އިންޗިއެއް ވެސް ދޫނުކޮށްލާނެ ކަމަށެވެ.
ބެއިޖިންގގައި ޝިއާންގްޝަން ފޯރަމް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ޑިފެންސް މިނިސްޓަރ ވެއި ފެންގީ ބުރާސްފަތި ދުވަހު ވިދާޅުވީ "ޗައިނާގެ ކިބައިން ޓައިވާން ވަކިކުރަން އެއްވެސް މީހަކު އުޅޭ ނަމަ ކޮންމެ އަގެއް ދައްކާފައި ވެސް ޗައިނާގެ ސިފައިން އެކަމަށް ފިޔަވަޅު އަޅާނެ" ކަމަށެވެ.
އޭނާ ވިދާޅުވީ ޗައިނާ އާއި އެމެރިކާގެ އަސްކަރީގުޅުން މުހިއްމު ކަމަށާއި އަދި ނާޒުކު ކަމަށެވެ. އަދި ޓައިވާނަކީ ޗައިނާގެ އެންމެ ބޮޑު މަސްލަހަތު ކަމަށާއި ބޭރުގެ އެއްވެސް ބަޔަކު ދެކުނު ޗައިނާ ކަނޑުގައި އެބައެއްގެ ބާރުތައް ދައްކާލުމަކީ ޗައިނާ އިން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.
އެމެރިކާއިން ޗައިނާގެ އަސްކަރިއްޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، ވިޔަފާރީގެ ހަނގުރާމަ އާއި، ޓައިވާނަށް ވޮޝިންގޓަނުން މަދަދު ދިނުމާއި، ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ އަސްކަރިއްޔާއިން ބާއްވާ ޑްރިލްތަކުގެ ސަބަބުން ޗައިނާ އޮތީ ރުޅިއައިސްފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި މަތީ ފަންތީގެ ގުޅުން ވަރުގަދަ ވާންޖެހޭ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވަނީ ޗައިނާގެ ޑިފެންސް މިނިސްޓަރަށް މިދިޔަ ހަފްތާފައި ދަންނަވާފައެވެ.
ރަޝިއާގެ އަތުން ހަތިޔާރު ގަތް މައްސަލައިގައި އެމެރިކާ އިން ޗައިނާގެ އަސްކަރިއްޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު ޗައިނާއިން އެކަން ދެކެނީ އެކަމަކީ ޑިމޮކްރެޓިކް ޓައިވާނެއް އުފެއްދުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ކުރިޔަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ޗައިނާ އިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ވެސް ޗައިނާގެ ބައެކެވެ.
އެމެރިކާއިން ޓައިވާނުގެ ކަނޑުގެ ސަރަހައްދަށް ހަނގުރާމަ މަތީ ދެ މަނަވަރު ހޯމަ ދުވަހު ފޮނުވާފައިވާއިރު މިއީ އެ ގައުމުން މިފަދަ އޮޕަރޭޝަނެއް އެ ސަރަހައްދުގައި ހިންގާ ދެވަނަ ފަހަރެވެ.