ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 10:34
ބްރިޖުގެ މަސައްކަތް ޗައިނާއިން ފަށާފައިވަނީ 2009 ވަނަ އަހަރު
ބްރިޖުގެ މަސައްކަތް ޗައިނާއިން ފަށާފައިވަނީ 2009 ވަނަ އަހަރު
މުހައްމަދު ޝަރުހާން
ދުނިޔޭގެ ރެކޯޑް
ކަނޑުހުރަސްކޮށް އަޅާފައިވާ އެންމެ ދިގު ބުރިޖް ޗައިނާގެ ރައީސް ހުޅުވައިދެއްވައިފި
ބްރިޖަށް އެކަނި ޚަރަދުވެފައިވަނީ 6.92 ބިލިއަން އެމެރިކާ ޑޮލަރު
ބްރިޖް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން 18 މީހަކު މަރުވެފައިވޭ

އިމާރާތްކުރުމުގެ މަސައްކަތްފެށިތާ ނުވައަހަރަށް ފަހު ކަނޑު ހުރަސްކޮށް ދުނިޔޭގައި އެޅި އެންމެ ދިގު ބްރިޖް ޗައިނާގެ ރައީސް ޝީ ޖިން ޕިން ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

ބްރިޖާ ގުޅޭ މަގުތަކާއެކު ބްރިޖްގެ ދިގުމިން 55 ކިލޯ މީޓަރ (34މޭލު) އަރާއިރު މި ބްރިޖުން ހޮންކޮނގްއާއި މަކައު އަދި ޗައިނާގެ ޖޫހައި ގުޅުވާދެއެވެ.

ބްރިޖަށް 20 ބިލިއަނެއްހާ އެެމެރިކާ ޑޮލަރު ޚަރަދުވެފައިވާއިރު ބްރިޖުގެ މަސައްކަތަށް އެކިފަހަރުމަތިން މަޑުޖެހުން އައިސްފައިވެއެވެ.

ބްރިޖް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން 18 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޖޫހައިގައި ބްރިޖް ހުޅުވުމަށް  އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޝީއާއެކު ހޮންކޮންގ އަދި މަކައުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާއްމުކޮށް އުޅަނދު ފަހަރު ދުއްވުމަށް ބްރިޖް ހުޅުވާލާނީ ބުދަދުވަހުއެވެ.

ބިންހެލުންތަކާއި ތޫފާނުތަކުން ލިބޭ ގެއްްލުން ކުޑަވާނެ ގޮތްތަކަށް ބެލިގެން ހެދިފައިވާ ބްރިޖް ހެދުމަށް 400،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފައިވާއިރު މިއީ ފްރާންސްގައި ހުންނަ އައިިފިލް ޓަވަރުގެ 60 ޓަވަރު ބިނާ ކުރެވޭނެހާ ދަގަނޑެވެ.

ބްރިޖް ސަރަހައްދުން ދަތުރުކުރާ ކަނޑުއުޅަނދު ފަހަރަށް ޖާގަ ދިނުމަށް، ހިއްކައިގެން ތައްޔާރު ކޮށްފައިވާ ދެރަށުގެ ދެމެދުގައި 6.7 ކިލޯމީޓަރު ދިގު ޓަނަލެއް ހަދާފައިވެއެވެ.

މި ޓަނަލްގެ ފުންމިނަކީ 44.5 މީޓަރެވެ.

ބްރިޖް ހުރަސްކުރުމަށް ޚާއްސަ ހުއްދައެއް ނަގަންޖެހޭއިރު ޓޮލް ފީއަކާއެކު ދެވޭ މި ހުއްދަ ދޫކުރަނީ ވަކި ކޯޓާއެއްގެ ދަށުންނެވެ.

ބްރިޖްގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ނުދޭއިރު ޕްރައިވެޓް ޝަޓްލް ބަސް ބޭނުންކުރާނެއެވެ. އަދި ރެއިލް ލިންކެއް ނޯންނާނެއެވެ.

ކަމާބެހޭ އިދާރާތަކުން ފުރަތަމަ ލަފާކޮށްފައިވާ ގޮތުގައި ދުވާލަކަށް 9،200 އުޅަނދު ބްރިޖު ހުރަސްކުރާނެއެވެ.

ސަރަހައްދުގައި އަލަށް ގާއިމްކުރެވުނު ޓްރާންސްޕޯޓް ނެޓްވޯކާއެކު އެ އަދަދު އެއަށް ވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ.

ބްރިޖާ ގުޅިފައިވާ އެހެން މަގުތަކާއި ހިއްކައިގެން އުފައްދާފައިވާ ރައްތަކާއެކު ޖުމްލަ އަގު 20 ބިލިއަނަށް އެރިނަމަވެސް މައި ބްރިޖަށް އެކަނި ޚަރަދުވެފައިވަނީ 6.92 ބިލިއަން އެމެރިކާ ޑޮލަރެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް