އިސްތަން ބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންފަހުން ވީނުވީއެއް ނޭނގި އުޅެނިކޮށް މަރުވި ކަމަށް ސައަދީން އެއްބަސްވި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ އާއިލާއަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޚަޝޯގީގެ އާއިލާއަށް ރަސްގެފާނު ތައުޒިއާ ވިދާޅުވެފައިވަނީ ޖަމާލް ޚަޝޯގީގެ ދަރިކަލުން ސަލާހް ޖަމާލް ޚަޝޯގީއަށް ފޯނުން ގުޅުއްވައެވެ.
ސަލާހްވަނީ ތައުޒިއާ ވިދާޅުވުމަށް ގުޅުއްވީތީ ރަސްގެފާނު ސަލަމާނަށް ޝުކުރު އަދާކުރައްވާފައެވެ.
ގެއްލިފައިވާތާ ގާތްގަނޑަކަށް 18 ދުވަސް ފަހުން ސައުދީންވަނީ ޚަޝޯގީ މަރާލާފައިވާ ކަމަށް އެއްބަސްވެފައެވެ.
ސައުދީ އިން ބުނެފައިވަނީ ޚަޝޯގީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްތެރޭގައި ހުރި މީހަކާއި ޚަޝޯގީއާއި ދޭތެރޭ ހިނގާދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެ ޒުވާބު ހިނގާދިޔައީ ކާކާއި އެކުގައި ކަމެއް ހާމައެއް ނުކުރެެއެވެ. ސައުދީގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ޚަޝޯގީގެ ތަހުގީގީ ރިޕޯޓް ނެރޭނީ އެއްމަސް ދުވަސް ފަހުންނެވެ.
އެ މައްސަލައާއި ގުޅިގެން މިހާތަނަށް ސައުދީގެ 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ ސްޓޭޓްމެންޓުގައި ވަނީ ބުނެފައެވެ. ސައުދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އެޑްވައިޒަރ ސައުދު އަލް ގައްތާނީ އާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަސިރީ ވަނީ އެދެބޭފުޅުންގެ މަގާމުން ވަކިކުރެވިފައި ކަމަށެވެ. ބެލެވޭ ގޮތުގައި ހައްޔަރު ކުރި 18 މީހުންގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.