ރަހީނުކޮށްފައި ހުރި އެފްރިކާގެ އުމުރުން އެންމެ ހަގު ބިލިޔަނަރު މުހައްމަދު ޑިއުޖީ ސަލާމަތްވެއްޖެއެވެ.
ޓެންޒޭނިޔާއަށް އުފަން ޑިއުޖީ ސަލާމަތްވެފައި ވަނީ އޭނާ ރަހީނުކުރިތާ 10 ދުވަސް ފަހުންނެވެ.
ޑިއުޖީ ރަހީނުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު އޭނާ ކަސްރަތަށް ނިކުމެ އުޅެނިކޮށް ޓެންޒޭނިޔާގެ ކޮލީސިއަމް ހޮޓެލް ކައިރިންނެވެ.
ޑިއުޖީ ރަހީނުކުރި މީހުންގެ އަތްދަށުން އޭނާ ސަލާމަތްވެފައި ވަނީ ކިހިނެއް ކަމެއް އަދި ސާފު ނުވާއިރު، ރަހީނުކުރި މީހުންގެ އަތްދަށުން ސަލާމަތްވާން އޭނާ އެއްވެސް ފާއިސާއެއް ދިންކަން ވެސް އަދިވަނީ ނޭނގިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބިޑި އަޅުވާފައި ބެހެއްޓުމުގެ ސަބަބުން އަތާއި ފައި ކަނޑައިގެންގޮސްފައި ހުރުން ފިޔަވާ އިތުރު އެއްވެސް ގެއްލުމެއް ޑިއުޖީއަށް ލިބިފައެއް ނުވެއެވެ.
އެމްއޯގެ ނަމުން މަޝްހޫރުވެފައިވާ ވިޔަފާވެރިޔާ ރަހީނުކުރި މީހުންގެ އަތްދަށުން ސަލާމަތްވުމާ އެކު އޭނާގެ ކުންފުނީގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ "އަހަންނަށް ސަލާމަތުން ގެއަށް އާދެވިއްޖެ" ކަމަށެވެ. އަދި އޭނާ ވަނީ ޓެންޒޭނިޔާގެ ފުލުހުންނަށާއި އޭނާއަށް ހެޔޮ ދުއާކޮށްދިން އެންމެނަށް ޝުކުރު އަދާކޮއްފައެވެ.
ޑިއުޖީ ރަހީނުކުރުމާ އެކު އޭނާގެ އާއިލާ އިން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އާއިލާއާ ހިއްސާކުރާ ފަރާތަކަށް ތިން ބިލިޔަން ތިރީސް ހާސް ޕައުންޑް އިނާމެއްގެ ގޮތުގައި ހުށަހަޅުއްވާފައެވެ.
މަޝްހޫރު މަޖައްލާ "ފޯރބްސް" އިން ހާމަކޮށްފައިވާ ގޮތުގައި ޑިއުޖީގެ މިލްކިއްޔާތުގައި 980 މިލިޔަން ޕައުންޑް އެބަހުއްޓެވެ. އޭނާ ވެގެން ގޮސްފައި ވަނީ އެފްރިކާގެ އުމުރުން އެންމެ ހަގު ބިލިޔަނަރަށެވެ.
ޑިއުޖީ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޓެންޒޭނިޔާގެ ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެމްބަރުކަން އަދާކޮށްފައެވެ.
ޑިއުޖީގެ ކުންފުނިން އެފްރިކާގެ ހަ ސްޓޭޓެއްގައި ފޮތި އުފެއްދުމާއި، ފުށާއި ތަފާތު ބުއިންތައް އުފެއްދުމުގެ ވިޔަފާރި އަންނަނީ ކުރަމުންނެވެ.