މިމަހުގެ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތްތަނާ ވީނުވީއެއް ނޭގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލާގައި ސައުދީ ވަލީއަހުދުވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ބާރުތައް މުއައްސަސާތަކުގައި ހުރިވަރު ޗެކްކުރެއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން އަމުރު ކުރައްވާފައި ވާކަމަށް އެކި މަސްދަރުތަކުން ބުނެފިއެވެ.
ރޮއިޓާސްއިން ސައުދީގެ އެކި މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ވަނީ ވަލީއަހުދުގެ ބާރުތައް ޗެކްކުރެއްވުމަށް އެކި މުއައްސަސާތަކަށް އަމުރުކުރައްވާފައެވެ.
ޚަޝޯގީއަށް ވީގޮތް އޮޅުން ފިލުވައިދިނުމަށް ދުނިޔޭގެ އެކި ލީޑަރުން ސައުދީއަށް ބާރުއަޅަމުންދާއިރު އޭނާ ގެއްލުމުގެ ފަހަތުގައި ވަނީ ސައުދީ ވަލީއަހުދުކަމަށް ތުހުމަތު ކުރެއެވެ. ކުރިން ސައޫދީ ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ޚަޝޯގީ ވަނީ ވަލީއަހުދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސައުދީ ރަސްގެފާނު އެންމެ އިތުބާރު ކުރައްވާ އެއް ފަރާތްކަމަށްވާ އަދި މައްކާގެ ގަވަރނަރ ޚާލިދު އަލް ފައިސަލް މިދިޔަ ހަފްތާތެރޭ ވަނީ ޚަޝޯގީގެ މައްސަލައިގައި ތުރުކީއަށް ފޮނުއްވާފައެވެ.
ޚާލިދު އަލް ފައިސަލް ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީގެ ރައީސް އުރުދުޣާންއާއި ބައްދަލުކުރައްވައި ދެގައުމު އެކީގައި ޚަޝޯގީގެ މައްސަލަ ބެލުމަށް އެހީތެރިވާނެކަމަށް ވިދާޅުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ރޮއިޓާސް އިން ބުނެފައިވާގޮތުގައި ޚާލިދަކީ އުރުދުޣާންއަކީ ވެސް ވަރަށް އަރިސް ދެ ބޭފުޅުންކަމަށެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ޚަޝޯގީ މަރާލާފައިވާ ކަމަށް އެމައްސަލަ ތަހުގީގުކުރަމުން އަންނަ ތުރުކީ އޮފިޝަލުން ވަނީ ބުނެފައެވެ. ޚަޝޯގީ ގެއްލުމާއި ނުވަތަ އޭނާގެ މަރާއި ސައުދީ ސަރުކާރާ ގުޅުމެއް ނެތް ކަމަށް އެގައުމުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.