ސޫދާނުގެ ކުރީގެ ރައީސް އަބްދުއްރަހްމާން ސިވާރް އަލް ޛަަހަބް ސައުދީ އަރަބިއްޔާގައި އަވަހާރަ ވެއްޖެ ކަމަށް ސޫދާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އިން ރިޕޯޓްކޮށްފިއެވެ.
އިތުރު ތަފްސީލް ހާމަކުރުމެއް ނެތި އެ އެޖެންސީން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އުމުރުން 83 އަހަރުގައި ކުރީގެ ލީޑަރު އަވަހާރަވެފައި ވަނީ ރިޔާދްގެ އަސްކަރީ ހޮސްޕިޓަލެއްގައި ކަމަށެވެ.
އެ އެޖެންސީން އެމަނިކުފާނު ސިފަކޮށްފައި ވަނީ ދީނީ އަދި މަތިވެރި އަޚްލާގެއްގެ ވެރިއެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނަކީ ޚިދުމަތާއި ގައުމީ ވަންތަކަމުގެ ސަބަބުން ފާހަގަކޮށްލެވޭ ފަރާތެކެވެ.
އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ޛަހަބް ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ވެރިކަމަށް ވަޑައިގެންފައި ވަނީ 1969 އިން ފެށިގެން އެގަމުގެ ވެރިކަމުގައި ހުންނެވި ޣާފަރް ނިިމެއިރީގެ ވެރިކަމާ ދެކޮޅަށް ކުރެއްވި ބަޣާވާތުގައި އިސްކޮށް އުޅުއްވުމަށް ފަހު 1985 ގައެވެ.
ނިމެއިރީގެ ވެރިކަމުގައި 1972 ވަނަ އަހަރު ސޫދާނުން ބޭރުކުރުމުން ގަތަރަށް ވަޑައިގެން އެގައުމުގައި އަމީރު ޝެއިޚް ޚަލީފާ ބިން ހަމަދް އަލް ޘާނީގެ މުޝީރަކަށް އުޅުއްވާފައި ވެއެވެ.
އޭގެ ފަހުން 1980 ގެ ތެރޭގައި އަނބުރާ ގައުމަށް ވަޑައިގެންނެވުމުގެ ފުރުސަތު ނިމެއިރީގެ ސަރުކާރުން ދެއްވުމުން ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމް އަދި ޑިފެންސް މިނިސްޓަރކަން ކުރައްވާފައި ވެއެވެ.
ސޫދާނުގައި 1985 ވަނަ އަހަރު ނިމެއިރީގެ ވެރިކަމާ ދެކޮޅަށް ކުރަން ފެށި މުޒާހަރާތަކާ އެކު ސިވާރް އަލް ޛަހަބް އާއި އަސްކަރިއްޔާގެ އިސް ލީޑަރުންތަކެއް ގުޅިގެން ނިމެއިރީ މަގާމުް ވަކިކޮށް ގައުމުގެ ކަންކަން ހިނގުމަށް އިންތިގާލީ ކޮމިޓީއެއް އުފެއްދިއެވެ.