ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާތީ ބްރެޒިލްގެ ރައީސް މިޝޭލް ޓީމާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެގައުމުގެ ފެޑެރަލް ފުލުހުން އެދެފިއެވެ.މީގެ އިތުރުން ޓީމާއާއި އޭނާގެ ގާތް މީހުންގެ މުދާ ހިފެހެއްޓުމަށް ވެސް އެދިފައެވެ.
ފެޑެރަލް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައިި އަންގާރަ ދުވަހުވަނީ ޓީމާއާއި އޭނާގެ އަންހެން ދަރިކަލުން ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު 10 މީހެއްގެ މައްޗަށް ދައުވާ ކުރުމަށެވެ.
އުފުލޭ ދައުވާތަކުގެ ތެރޭގައި މަނީ ލައުންޑަރިންނާއި ވަގުވިޔަފާރި ހިންގިކަމުގެ ދައުވާ ހިމެނެއެވެ.
ޓީމާގެ ކޮރަޕްޝަނުގެ މައްސަލައެއްގައި ދައުވާ ކުރަން ސުޕްރީމް ކޯޓަށް ފޮނުވަން ފެނޭތޯ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި 2017ވަނަ އަހަރުގެ އޯގަސްޓު މަހު ނެގި ވޯޓްގައި އެ ގޮތަށް ނުފެންނަ ކަމަށް މެމްބަރުން ވޯޓް ދެއްވުމުން ރައީސް ޓީމާވަނީ އެފަހަރު ސަލާމަތްވެ ވަޑައިގެންފައެވެ.
އަހަރަކަށް ވުރެ ގިިނަ ދުވަސްވަންދެން ތަހުގީގު މަރުހަލާގައި އޮތް ކޮރަޕްޝަނުގެ މައްސަލައަކީ 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޓީމާ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕޯޓް ސެކްޓަރގައި މަސައްކަތްކުރާ ކުންފުނިތަކަކަަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ދިން ކަމަށް ބުނާ މައްސަލައެކެވެ.
ޓީމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ފޮނުވާނީތޯ ނުވަތަ ނުވަތަ އިތުރަށް ތަހުގީގުކުރުމަށް އެދޭނީތޯ ނުވަތަ ކޭސް ފައިލްކުރާނީތޯ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަންޖެހޭނެއެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ލުގްސް ރޮބަރޓޯ ބަރޯސޯ އަންގާރަ ދުވަހު ވިދާޅުވީ މައްސަލަ ގެންދާނެ ގޮތެއް ނިންމެވުމުގެ ކުރިން ޕަބްލިކް ޕްރޮސިކިއުޓަރ އޮފީހުން ނިންމާ ގޮތެއް ބައްލަވަން ޖެހޭކަމަށެވެ.
ސުޕްރީމް ކޯޓުން ތަހުގީގުކޮށް ދައުވާ ކުރަން ޖެހިއްޖެނަމަ ގާނޫނުހަދާ މަޖިލީހުގެ ރުހުން އެކަމަށް ބޭނުންވާނެއެވެ.
ޓީމާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ދެ ތުހުމަތެއްގައި ގާނޫނުހަދާ މަޖިލީހުންވަނީ ދައުވާ ނުކުުރުމަށް ނިންމަވާފައެވެ.ޓީމާ ރައީސްކަމުގެ މަގާމަށް ވަޑައިގެންފައިވަނީ ދިލްމާ ރުސެފް މަގާމުން ވަކިކުރުމުންނެވެ.