ފަންސާސް އިންސައްތަ އަންހެނުން ހިމެނޭ ގޮތަށް އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހްމަދު އެކުލަވާލެއްވި އާ ވަޒީރުންގެ މަޖިލިހަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން ރުުހުންދީފިއެވެ.
އެ ގައުމުގެ ސަރުކާރުން މިފަހަރުވަނީ ޑިފެންސް މިނިސްޓަރގެ މަގާމަށްވެސް އަންހެން ބޭފުޅަކު އައްޔަން ކުރައްވައި ގައުމުގެ އާ ރެކޯޑެއް ހަދާފައެވެ.
"އަޅުގަނޑުމެންގެ އަންހެން ވަޒީރުން ސާބިތުކޮށްދޭނެ އަންހެނުންނަށް އިސްމާގުތައް ނުފުރޭނޭ ބުނާ ޒަމާންވީ ބުނުމަކީ ދޮގެއްކަން" ކެބިނެޓަށް ހޮއްވެވި ބޭފުޅުން ތައާރަފްކޮށްދެއްވަމުން އަންގާރަ ދުވަހު އަބީ ވިދާޅުވިއެވެ.
"ނިންމުމަކީ މި ގައުމުގެ ތާރީޚުގައި ފުރަތަަ ފަހަރަށް ނިންމި ނިންމުމެއް އަދި ވެދާނެ މިއީ އެފްރިކާގައިވެސް ފުރަތަމަ ފަހަރުކަމަށް" އޭނާ ވިދާޅުވިއެވެ.
އަބީ ބޮޑުވަޒީރުކަމަށް ވަޑައިގެންފައިވަނީ ކުރިން އޮތް ސަރުކާރާ ދެކޮޅަށް ދެ ހައަރަށްވުރެ ގިނަ ދުވަސްވަންދެންކުރި މުޒާހަރާތަކަށްފަހު ކުރީގް ބޮޑުވަޒީރު ކުއްލިގޮތަކަށް އިސްރިއުފާ ދެއްވުމުން މި އަހަރުގެ އޭޕްރީލް މަހުއެވެ. މަގާމަށް ވަޑައިގެންނެވުމަށްފަހު އަބީ ގެންދަވަނީ އެގައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަވަމުންނެވެ.
އޭނާ އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަވަށްޓެރި އެރިޓްރިއާ ދެމެދު އޮތް ވިިހި އަހަރުވީ ހަނގުރާމަ ނިމުމަކަށްގެނައުމާއި ޖަލަށްލާފައިވާ ސިޔާސީ ވާދަވެރިން މިނިވަންކުރުމާއި ކުރިން މަނާކުރެވިފައިވާ ގްރޫޕްތަކަށް ގައުމަށް އަލުން އައުމަށް ހުޅުވާލުމާއި ދައުލަތުގެ މައި އިންޑަސްޓްރީތައް ޕްރައިވަޓައިޒް ކުރުން ހިމެނެއެވެ.