އީރާތާ ޕާކިސްތާނުގެ ގުޅޭ އިރުދެކުނުގެ ސަރަހައްދީ ރޮނގުގެ ކައިރިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިންޓެލިޖެންސް އޮފިސަރަކުވެސް ހިމެނޭގޮތުން ސަލާމަތީ ފައުޖުތަކުގެ 14 މީހަކު ވަގަށްނަގައިފިކަމަށް ތުހުމަތުކޮށްފިއެވެ.
އީރާނުގެ ސަލާމަތީ ކަންކަަކަމާބެހޭ އެންމެ އިސް ފައުޖު، ރިވއޮލިއުޝަނަރީ ގާޑުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރަހައްދީ ރޮނގުގެ ސިޓީއެއްކަމަށްވާ މިރްޖަވޭއިން ހަނގުރާމަވެރިންގެ ބަޔަކު އީރާނުގެ ސަލާމަތީފައުޖުގެ މެމްބަރުންތަކެއް ވަގަށްނަގާފައިވާކަމަށެވެ.
ވަގަށް ނަގާފައިވަނީ ކިތައް މީހުން ކަމެއް ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ނުވާިއރު އިރާނުގެ ދައުލަތުގެ މީޑިއާ އައިއާއުއެންއޭއިން ނަން ހާމަނުކުރާ އޮފިޝަލަކު ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވަނީ ސަލާމަތީ ފައުޖުގެ 14 މީހުންކަމަށެވެ. އަދި ޓެރެރިސްޓް ގްރޫޕަކުން އެމީހުން ވަގަށްނަގާފައިވަނީ ފަތިހު 4 އަކާއި 5 އާއި ދެމެދުކަމަށް ބުނެފައިވެއެވެ.
އީރާނުގެ ދައުލަތުގެ ވެބްސައިޓެއްކަމަސްވާ ޔަންގް ޖާނަލިސްޓްސް ކްލަބް (ވައިޖޭސީ)ގައި ޝާއިއުކުރުމަށްފަހު ފަހުން ޑިލީޓްކުރި ލިއުމެއްގައި ބުނެފައިވަނީ މީހުން ވަގަށްނަގާފައިވަނީ ސެކިއުރިޓީ އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ. އަދި ވަގަށް ނެގި މީހުންގެ ތެރޭގައި ހިމެނެނީ ރިވޮލިއުޝަނަރީ ގާޑުގެ އިންޓެލިޖެންސް ޔުނިޓުގެ ދެ މެމްބަރަކާއި، ބަސީޖް ފައުޖުގެ ހަތް މެމްބަރަކާއި، ރިވޮލިއުޝަނަރީ ގާޑުގެ ވޮލަންޓިއަރ ވިންގުގެ ގާޑަކާއިއީރާނުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ އާއްމު ގާޑުންކަމަށެވެ.
އަލްގައިދާ އާ ގުޅިފައިވާ ޖައިޝް އަލް އަދުލް ނަމަކަށް ކިޔާ ޖަމާއަތަކުންވަނީ މި ކަމަކީ އެމީހުންގެ ހިންގާފައިވާކަމެއްކަމަށް ބުނެފައެވެ.
މީގެ ކުރިން ހިންގާފައިވާ މިފަދަ ހާދިސާއެއްގައި އީރާނު ސިފައިންގެ ހަތަރު މީހަކު ދެ މަހެއްހާ ދުވަސްވަންދެން ގެންގުޅުމަށްފަހު ވަނީ މަރާލާފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ބްރރިގޭޑިއާ ޖެނެރަލް އަދި ކޮމާންޑަރ މުހައްމަދު ޕަކްޕޫރު ވަނީ ސަލާމަތީ ފައުޖުތަކުގެ ސިފައިންތަކެއް ވަގަށް ނަގާފައިވާކަމަށާއި އެ ހާދިސާއާއި ގުޅިގެން ޕާކިސްތާނާއި އީރާނުގެ ސިފައިން ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާކަމަށް ވިދާޅުވެ ވެބްސައިޓުގައި ބަޔާނެއް އާޢްމުކުރައްވާފައެވެ.
ޕާކިސްތާނުން މިހާރަށްވުރެ ބޮޑަށް މިފަދަ ކަންކަމަށް ޒިންމާދާރު ވާންޖެހޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިންވަނީ އީރާނުގެ ސަލާމަތީ ޚިދުމަތްތަކުގެ މެމްބަރުން ވަގަށްނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދެ ގައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަން ގުޅިގެން އެކަމުގައި މަސައްކަތްކުރަމުންދާކަމަށެވެ.