ވީ ނުވީއެއް ނޭނގި ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައިކަމަށް ތުރުކީގެ އޮފިޝަލުން ބުނެފިއެވެ.
ޚަޝޯގީ މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ދިޔަ ފަހުން އެތަނުން ނުކުމެފައެއް ނުވެއެވެ. ޚަޝޯގީ މަރާލާފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ ހެކިފެނިފައިވާކަމަށް ތުރުކީގެ އެޓަރނީ ޖެނެރަލް އިއްޔެ ވަނީ ވިދާޅުވެފައެވެ.ތުރުކީގެ އޮފިޝަލުންނާއި ހަވާލަދީ، ސިއެންއެންގައި ބުނެފައިވަނީ ޖަމާލް ކޮންސިއުލޭޓް ތެރޭގައި މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިބުރިކޮށްލައިފައިވާ ކަމަށެވެ.
ތުރުކީގެ އޮފިޝަލުން ހޯމަދުވަހުގެ ރޭ ކޮންސިއުލޭޓްގެ ތެރެއަށް ވަދެ ނުވަގަޑިއިރު ވަންދެން އެތަން ބަލާފާސްކޮށްފައިވާއިރު، ކޮންސިއުލޭޓް ތެރޭގައި އަލުން ކުލަވެސް ލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮފިޝަލުންނާއި ހަވާލާ ދީ ބުނެފައިވަނީ ޚަޝޯގީ މަރާލާފައިވަނީ މިމަހުގެ ދެވަނަދުވަހު ކޮންސިއުލޭޓްގެ އެތެރޭގައިކަމަށެވެ.
ޚަޝޯގީ މަރާލިކަމަށް ބުނާ ދުވަހު ކޮންސިއުލޭޓުން ނުކުމެގެން ކަޅު ޖީޕެއްގައި ދިޔައީ ކޮންސުލް މުހައްމަދު އަލް އޮތައިބީގެ ގެކޮޅަށް ކަމަށް ސީސީޓީވީ ފޫޓޭޖްތަކުން ފެނެ އެވެ. މި ދަނޑިވަޅުގައި ކޮންސުލް މުހައްމަދު އަލް އޮތައިބީ ވަނީ ގައުމު ދޫކުރައްވާ ފުރާވަޑައިގަންނަވާފައެވެ.