މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ތަފާތު ހަތަރު ހާދިސާ އެއްގެ ތެރެއިން ސައުދީ އަރަބިއްޔާގައި ގެއްލުވާލާފައިވާ ގަތަރުގެ ހަތަރު ރައްޔިތެއް ވީތަނެއް ބުނެދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގަތަރުގެ ގްރޫޕްތަކުން ޑިމާންޑްކުރަން ފަށައިފިއެވެ.
ދޯހާގައި ގާއިމްވެފައިވާ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޓީ (އެންއެޗްއާރުސީ) އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރައްޔިތުން ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ސައުދީ އަރަބިއްޔާ އިން ކަމަށެވެ. އަދި އެންއެޗްއާރުސީ އިން ވަނީ ހަތރު މީހުން ގެއްލުނު މައްސަލައި ގައި އިންތިހާއަށް ކަންބޮޑުވާ ކަމަށް ބުނެފައެވެ.
އެންއެޗްއާރުސީގެ ޗެއަރމަން އަލީ ބިން ސާމިޚް އަލް މައްރީ ވަނީ އދ. ގެ ވަރކިންގ ގްރޫޕް އޮން އެންފޯސްޑް އޯރ އިންވޮލަންޓްރީ ޑިސަޕިއަރަންސް އިން މައްސަލަ ތަހުގީގު ކުރުމަށް ޓީމެއް ފޮނުވުމަށް އެދިވަޑައިގެންފައެވެ.
"ސައުދީގެ އިދާރާތަކުން ޤަތަރުގެ ރައްޔިތުންނާ މެދު ކަންކުރަމުން ދާގޮތަކީ ލާއިންސާނީ އަދި ލަދުވެތި ގޮތެއް،" އޭނާ ވިދާޅުވިއެވެ.
"އެކަމަކީ މުސްތަގުބަލުގެ ޖީލުތަކުގެ މެދުގައި ނަފްސާނީ ލައްގަނޑެއް ޖެހޭނެ ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އެންއެޗްއާރުސީން ވަނީ އދ. ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާ ގުޅައި ގަތަރުގެ ރައްޔިތުން ދޫކޮށްދިނުމަށް އެދި މައްސަލައިގެ ތެރެއަށް ވަނުމަށް އެދިފައެވެ.
ގެއްލުނު މީހުންގެ ތެރޭގައި އުމުރުން 29 އަހަރުގެ ތަލާލް ނަވާފް އަލް ރާޝިދާއި އުމުރުން 63 އަހަރުގެ މުހްސިން ސާލިޙް އަލް ކަރްބީ ހިމެނެއެވެ.
މި ދެ މީހުން ސައުދީ އަށް އެތެރެވެފައި ވަނީ މެއި މަހާއި އޭޕްރީ މަހު ކަމަށްވާއިރު އޭގެ ފަހުން ޚަބަރެއް ވެފައެއް ނުވެއެވެ.
އަލް ރާޝިދަކީ ގަތަރާއި ސައުދީގެ ރަށްވެހިކަން އޮންނަ މީހަކަށް ވާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ކުވެއިތުގެ ޅެންވެރިއެއްގެ ދައުވަތަކަށް އެ ގައުމަށް ކުރި ދަތުރެއްގައެވެ، އޭގެ ފަހުން އެކްސްޓްރެޑިޝަންގެ ދަށުން އޭނާ ހަވާލުކުރީ ސައުދީ އަރަބިއްޔާއާއެވެ.
ގެއްލުުނު މީހުންގެ ތެރޭގައި ދެން ހިމެނޭ ދެ މީހުންގެ ނަމެއް ޤަތަރުުން ހާމަކޮށްފަ އެއް ނުވެއެވެ. އޭގެ ތެރެއިން އެކަކު ގެއްލިފައި ވަނީ މި އަހަރު ކަަމަށްވާއިރު ދެން ހުރި މީހާ ގެއްލިފައި ވަނީ މިދިޔަ އަހަރުއެވެ.