މިމަހުގެ 2 ވަނަ ދުވަހު ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީއާއި ބެހޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ސައުދީން ބުނެފިއެވެ.
ޚަޝޯގީ ގެއްލިފައިވާ މައްސަލައިގައި ސައުދީއަށް ބައިނަލް އަގުވާމީ ފިއްތުންތައް އަމާޒުވެފައިވާއިރު ސައުދީގެ އޮފިޝަލުންނާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފައިވާގޮތުގައި އޭނާއާއި ބެހޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެއެވެ.
ޚަޝޯގީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާނަމަ "ހަރުކަށި އަދަބު" އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އުމުރުން 59 އަހަރުގެ ތަޖުރިބާކާރު ނޫސްވެރިޔާ ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ހަތަރު ވަނަ ކައިވެންޏަށް ބޭނުންވާ ވަރީގެ ސެޓްފިކެޓެއް ހޯދުމަށް މިމަހުގެ ދެ ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ ހިލަމެއް ވެފައިނުވާއިރު ސައުދީން ބުނަމުން ދަނީ ކޮންސިއުލޭޓަށް ވަން ފަހުން އޭނާ އެތަނުން ނިކުތް ކަމަށެވެ. އެހެން ނަމަވެސް ތުރުކީން ބުނަމުން ދަނީ އޭނާ އެތަނުން ނުނިކުންނަ ކަމަށާއި ނިކުތް ނަމަ އެކަމުގެ ހެކި ދެއްކުމަށެވެ. ތުރުކީން ވަނީ ޚަޝޯގީ އެގައުމުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ވީޑިއޯ ވެސް އާންމު ކޮށްފައެވެ.
ސައުދީ ޝާހީ އާއިލާއަށް ފާޑުކިއުންތަކެއް އަމާޒުކޮށް ލިޔުންތައް ޝާއިރު ކުރަމުންދާ ޚަޝޯގީ ކޮންސިއުލޭޓަށް ވަން އިރު އޭނާ ކައިވެނިކުރަން އުޅޭ ހަތީސް ވެސް އޭނާ އާއި އެކު ދިޔައެވެ. ހަތީސް އާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވަނީ ކޮންސިއުލޭޓަށް އޭނާ ވަނަ ނުދިން ކަމަށާއި ޚަޝޯގީ އެތަނަށް ވެއްދީ ވެސް އޭނާގެ ފޯނު އަތުލުމަށް ފަހު ކަމަށެވެ. ތުރުކީ އިން އާންމުކުރި ވީޑިއޯގައި ވެސް ޚަޝޯގީ ވަން އިރު ހަތީސް ކޮންސިއުލޭޓަރ ބޭރުގައި ހުންނަ ތަން ފެނެއެވެ. ތުރުކީން ބުނާ ގޮތުގައި އެ ވީޑިއޯއިން ފެންނަނީ ސައުދީގެ އިންޓަލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވުމަށް ފަހު އަނބުރާ ދާ މަންޒަރެވެ.
ޚަޝޯގީ މަރާލާފައިވާ ކަމަށް ތުރުކީގެ ތަހުގީގުން ދައްކާ ކަމަށް އެގައުމުގެ ތަހުގީގީ ޓީމުން މިމަހުގެ 7 ވަނަ ދުވަހު ވަނީ ބުނެފައެވެ. ތަހުގީގު ކުރަމުންދާ ޓީމުން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރާލީ ކަމަށާއި އެއީ ކުރިއާލާ ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.
ސައުދީ އިންޓީރިއާ މިނިސްޓަރ ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ވަނީ ސައުދީ ޝާހީ އާއިލާއާއި ބެހޭ ގޮތުން ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ. ޚަޝޯގީ ހޯދުމަށް ތުރުކީއާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.