ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 14:36
ތޫފާން މައިކަލް ފްލޮރިޑާއަށް އަރައި ގެއްލުން ވެފައި
ތޫފާން މައިކަލް ފްލޮރިޑާއަށް އަރައި ގެއްލުން ވެފައި
ގެޓީ އިމޭޖަސް
ތޫފާން މައިކަލް
ތޫފާން މައިކަލް: އަދިވެސް އެތައް ބަޔަކު ނުފެނޭ
މިތޫފަނަކީ 2005 ވަނަ އަހަރުގެ ފަހުން ފްލޮރިޑާއަށް އެރި އެންމެ ބާރުގަދަ ތޫފާން
މަރުވި މީހުންގެ އަދަދު 18 އަށް އަރާ

މި މަހުގެ 10 ވަނަ ދުވަހު އެމެރިކާގެ ފްލޮރިޑާއަށް އަރާފައިވާ ތޫފާން މައިކަލްގެ ސަބަބުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތައް ބަޔަކު އަދި ވެސް ނުފެންނަ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ތޫފާންގެ ސަބަބުން ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކޮށްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ތޫފާންގެ ސަބަބުން ތާށިވެފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތޫފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 18 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބީބީސީން ބުނެއެވެ.

ފްލޮރިޑާގެ މޭޔަރާ ހަވާލާދީ އޭބީސީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި 46 މީހުން ވަނީ ގެއްލިގެން ރިޕޯޓްކޮށްފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ތޫފާނުގެ ސަބަބުން ފްލޮރިޑާ ވަނީ އެއްކޮށް ސުންނާފަތި ވެފައެވެ. މިތޫފަނަކީ 2005 ވަނަ އަހަރުގެ ފަހުން ފްލޮރިޑާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

ރެސްކިއު ޓީމްތައް ހަރަކާތްތެރިވަމުން ދާއިރު ގެއްލުން ލިބުނު ސަރަހައްދު އެ މީހުން ސިފަކޮށްފައި ވަނީ ހަނގުރާމަ މަތީ ސަރަހައްދެއްގެ ގޮތުގައެވެ. މި ތޫފާން ފޮލްރިޑާގެ ގޮނޑުދޮށުގެ އަވަށަށް އަރާފައި ވަނީ "ބޮންތަކުގެ މައި ބޮން" ވައްޓާލި ފަދައިން ކަމަށާއި ޗާޓުން އެތަން އެކީހެން ފުހެވިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ފްލޮރިޑާ އާއި އަލަބަމާ، ޖޯޖިއާ، ވަރޖީނިއާ އަދި ކެރޮލައިނާ އިން އަދި ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. އަދި އެތައް ސަރަހައްދެއްގެ ފޯނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި ތިން ލައްކަ އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް