ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހުގައި މަރާލާފައިވާކަމުގެ ވީޑިއޯ އާއި އޯޑިއޯ ހެކި ތުރުކީގެ އޮފިޝަލުން އަތުގައި އެބަހުރި ކަމަށް އޮފިޝަލަކު ބީބީސީގައި ބުނެފިއެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔާ ޚަޝޯގީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސުލޭޓް އިމާރާތަށް ވަން ފަހުން ފެނިފައެއް ނުވެއެވެ.
ތަހުގީގީ ޓީމާއި ގާތް ފަރާތަކުން ބުނެފައި ވަނީ ތުރުކީގެ އިންޓެލިޖެންސްގެ އަތުގައި"ކިތާބީ ހެކި" އެބަ ހުރި ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އިންޓީރިއަރ މިނިސްޓަރ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ސައުދީގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވާ ގޮތުގައި ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލް އަޒީޒް ވަނީ" މަރާލަން އަމުރުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް އަދި އަސާސެއް ނެތް ތުހުމަތުތަކެއް" ކަމަށް ވިދާޅުވެފައެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މަރާލުމާއި އަނިޔާކުރުމުގެ ކަންކަން ހިނގާފައި ވަނީ ކޮންސިއުލޭޓްގެ ތެރޭގައެވެ.
ތުރުކީގެ ސަލާމަތީ ޚިދުމަތްތަކުގަައި މަސައްކަތްކުރާ އޮފިޝަލަކު ވަނީ ވީޑިއޯ އާއި އޯޑިއޯ އޮތްކަން ބީބީސީ އަރަބިކް އަށް ކަށަވަރުކޮށްދީފައެވެ.
ސާފު ނުވާ ކަމަކީ ތުރުކީގެ އޮފިޝަލުން ނޫން ބަޔަކަށް އެ ފެނި ނުވަތަ އަޑުއިވިފައި ވާކަމެވެ.
ވޮޝިންގޓަން ޕޯސްޓްގައި ވާހަކަ ދައްކާފައިިވާ މީހަކު ބުނެފައިވާ ގޮތުގައި ޚަޝޯގީގެ ގައިގައި ތަ ޅާއަޑު އިވެއެވެ. އަދި އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެ ރެކޯޑިންގ އިން ދައްކާ ގޮތުގައި ޚަޝޯގީ މަރާލުމަށް ފަހު ވަނީ ކޮށާލާފައެވެ.
"ތިބޭފުޅުންނަށް އަޑުއިވި ވަޑައިގަންނަވާނެ އޭނާގެ އަޑު އަދި އަރަބި ބަހުން ވާހަކަދައްކާ ފިރެހެނުންތަކެއްގެ އަޑު" ވޮޝިންގޓަން ޕޯސްޓްގައި އިތުރު މީހަކު ބުނެފައިވެއެވެ.
" ތިބޭފުޅުންނަށް އަޑުއިވިވަޑައިގަންނަވާނެ ކިހިނެއްކަން އޭނާއާއ ސުވާލުކުރެވުނީ، އަނިޔާކޮށް އަދި ފަހުން މަރާލެވުނީ".
ޚަޝޯގީއަކީ އެ ނޫހަށް ލިޔެދެމުންދިޔަ ނޫސްވެރިއެެކެވެ.
ތުރުކީގެ ސަރުކާރާއި ގާތް ކޮލަމިސްޓެއް ކަމަށްވާ ކެމާލް އޮޒްޓަރކް ވަނީ މިހަފްތާގެ ކުރީ ކޮޅުވަނީ ޚަޝޯގީ މަރާލެވުނު ވަގުތުގެ ވީޑިއޯއެއް އޮންނާނެ ކަމަށް ތުހުމަތުކޮށްފައެވެ.
ޚަޝޯގޯ ހިނގާފައި ގޮސް ކޮންސިއުލޭޓް އޮފީހަށް ވަންނަ ސީސީޓީވީ ފުޓޭޖް ތުރުކީ ޓީވީން ވަނީ ދައްކާފައެވެ.
ޚަޝޯގީ އެ އޮފީހަށް ގޮސްފައި ވަނީ އޭނާގެ ތުރުކީ ލޯބިވެރިޔާ، ހަޓިސް ސެންޖިޒްއާ ކައިވެނިކުރުމަށްޓަކައި ކުރީގެ ކައިވެނީގެ ލިޔުންތަކެއް ނެގުމަށެވެ.
ސައުދީ އިންޓެލިޖެންސް އޮފިސަރުންތަކެއް ކަމަށް ބުނާ ފިރެހެނުންތަކެއް ތުރުކީއަށް ވަނުމަށް ފަހު އެނބުރިދާ މަންޒަރު ދައްކައިދޭ ވީޑިއޯ ފުޓޭޖެއް ވެސް ވަނީ އާއްމުވެފައެވެ.
ޖުމްލަ 15 މެމްބަރުންގެ ވަރުގަދަ ޓީމެއް ފެނިފައިވާއިރު ޚަޝޯގީ ގެއްލުމުގައި އެ މީހުންގެ ބައިވެރިވުންވާ ކަމަށް ވަނީ ބުނެވިފެވެ.