ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ ގެއްލުމާއި ގުޅުން ހުރި ކަމަށް ބުނާ ސީސީޓީވީ ފުޓޭޖްތަކެއް ތުރުކީގެ މީޑިއާތަކުން އާއްމުކޮށްފިއެވެ.
އެ ވީޑިއޯ އިން ފެންނަނީ ސައުދީގެ އިންޓަލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވާ މަންޒަރާއި އެ އަށް ފަހު އަނބުރާ ދާ މަންޒަރެވެ.
ސައުދީގެ ރަސްކަމަށް ފާޑުކިޔަމުން ދިޔަ ޚާޝުޤްޖީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ދިޔަ ފަހުން އެއްވެސް މީހަކަށް އޭނާ ފެނިފައެއް ނުވެއެވެ.
ތުރުކީން ބުނަނީ ޚާޝުޤްޖީ މަރާލީ ކަމަށެވެ. ނަމަވެސް އެ ތުހުމަތު ސައުދީން ދޮގު ކުރެއެވެ.
ތުރުކީގެ ޓީއާރުޓީ ވޯލްޑް ޗެނަލް އިން އާންމުކުރި އެ ވީޑިއޯ އިން ފެންނަ ގޮތުގައި ތުރުކީގެ ވެރިރަށުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ކަޅު ކުލައިގެ ވޭންތަކެއް ވަންނަ މަންޒަރު ފެނެއެވެ.
ތުރުކީގެ ތަހްގީގު ޓީމުން މިހާރު ދަނީ އެ ގައުމަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޖެއްސި ސައުދީ ގަލްފް ސްޓްރީމް ޖެޓްތަކާ ގުޅޭ މައުލޫމާތު އެއްކުރަމުންނެވެ.
ސައުދީ ކޮންސިއުލޭޓަށް ޚާޝުޤްޖީ ދިޔައީ ތުރުކީ އަންހެނަކާ ކައިވެނި ކުރަން، ކުރިން ކުރި ކައިވެނީގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ.
ޚާޝޮގީޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ކައިވެނިކުރަން އުޅޭ އަންހެން މީހާއާ އެކުގައެވެ. ނަމަވެސް އަންހެން މީހާއަށް އެތަނަށް ވަދެވޭ ގޮތް ނުވުމުން އޭނާ ހުރީ ކޮންސިއުލޭޓްގެ ބޭރުގައެވެ. ޚާޝުޤްޖީ ސައުދީ ކޮންސިއުލޭޓަށް ވަން ސީސީޓީވީ ފުޓޭޖް ވަނީ އާންމު ކޮށްފައެވެ.