ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލްގެ ރައީސްކަމުގައި ހުންނަވަނިކޮށް ޗައިނާއިން ހައްޔަރުކުރި މެންގް ހޮންގްވެއި ހައްޔަރުކުރީ ކޮރަޕްޝަންގެ ތުހުމަތުގައިކަމަށް ޗައިނާއިން ބުނެފިއެވެ.
މެންގްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ކުރެވި، އޭނާ ހައްޔަރުކޮށްފައިވާކަން ޗައިނާއިން ހާމަކުރީ އޭނާ ފްރާންސްގެ ލިޔޯންއިން ފުރައިގެން ޗައިނާއަށް ދިޔަ ފަހުން، އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ އަންހެނުން ފަރަންސޭސީ ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެންނެވެ. އިންޓަޕޯލްގެ މައި އިދާރާ ޤާއިމްކޮށްފައިވަނީ ލިޔޯންގައެވެ.
އިންޓަޕޯލްގެ ރައީސްގެ އިތުރުން މެންގް އަކީ ޗައިނާގެ ވައިސް މިނިސްޓަރ ފޮރ ޕަބްލިކް ސެކިއުރިޓީގެ މަޤާމުވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޗައިނާއިން ކޮރަޕްޝަނާއި ދެކޮޅަށް ހިންގަމުންދާ ކެމްޕެއިންގެ ތެރެއިންނެވެ. ޗައިނާއިން ވަނީ މީގެ ކުރިންވެސް ހައި ޕްރޮފައިލް އެހެން ބައެއް ފަރާތްތައްވެސް ހައްޔަރުކޮށްފައެވެ.
ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ވިދާޅުވީ މިއީ ރައީސް ޝީ ޖިންގްޕިންގް ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތުގެ އިޚްލާސްތެރިކަން ފެންނަ ކަމެއްކަމަށެވެ.
މެންގް އިންޓަޕޯލްގެ ވެރިއެއްގެ ގޮތުގައި ހުންނެވުމަކީ މީގެ ކުރިން ޗައިނާއިން ފަޚުރެއްގެ ގޮތުގައި ދެކެމުން އައި ކަމެއްނަމަވެސް، އޭނާ ހައްޔަރުކުރުމުގެ ސަބަބުން، އޭނާ ޗައިނާ ސަރުކާރުގެ ނުވަތަ ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލަކު ރުޅި އަރުވާލީކަމަށް ބެލެވޭކަމަށް މުރާސިލުން ދެކެއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރޝިޕް ހިތްހަމަނުޖެހޭ މީހަކަށް ޗައިނާގައިވެސް އަދި ޗައިނާއިން ބޭރުގައިވެސް ފަސޭހަކަމާއިއެކު އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ.
އިންޓަޕޯލްއިން އާދިއްތަ ދުވަހު ބުނީ އެއިދާރާގެ ރައީސްކަމުގެ މަޤާމުން މެންގް ހޮންގްވެއި އިސްތިއުފާ ދެއްވާފައިވާކަމަށާއި، އެގްޒެކެޓިވް ކޮމިޓީ ހިންގެވުން ވަގުތީ ގޮތުން އިންޓަރޕޯލްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ކިމް ޖޮންގް-ޔަންގް އާއި ހަވާލުކޮށްފައިވާކަމަށެވެ. މެންގް ގެ ދައުރުގައި ބާކީ ދެ އަހަރު އޮއްވައި އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ދައުރުގެ ބާކީ އޮތް މުއްދަތަށް ރައީސަކު އިންތިޚާބު ކުރާނީ އަންނަ މަހު ޑުބާއީގައި ބާއްވާ އިންޓަޕޯލްގެ ޖެނެރަލް އެސެމްބްލީގައެވެ.
އިންޓަޕޯލްގެ ރައީސަކީ އެއިދާރާގެ އެގްޒެކެޓިވް ބޯޑު ބަލަހައްޓަވާ ބޭފުޅާއެވެ. އިންޓަޕޯލްގެ އާއްމު މަސައްކަތްތަކާއި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރައްވާނީ ސެކްރެޓަރީ ޖެނެރަލްއެވެ.
ޗައިނާއިން މެންގް ހައްޔަރުކުރުމަށްފަހު އޭނާގެ އަނބިކަނބަލުން ގްރޭސް މެންގްއަށް އިންޒާރުތަކެއް ލިބެމުންދާތީ ފަރަންސޭސީ ފުލުހުން ވަނީ އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ. މެންގް ވަނީ އޭނާ ހައްޔަރުކުރުމުގެ ކުރިން އޭނާގެ އަނބިިކަނބަލުންނަށް އޭނާގެ ފޯނު ކޯލަކަށް އިންތިޒާރުކުރުމަށް އެދި މެސެޖެއް ކޮށްފައެވެ. އަދި އެމެސެޖުގައި ވަޅިއެއްގެ އިމޯޖީއެއް ހިމަނާފައިވުމުން، ނުރައްކާތެރިކަމެއް ހިނގާކަމުގެ އިޝާރާތެއް ދިނީކަމަށް ގްރޭސްއަށް ޤަބޫލުކުރެއްވުނެވެ.