ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 19:03
ބިންހެލުން އައިސްފައިވަނީ ހެއިޓީގެ ހުޅަނގު އުތުރުން
ބިންހެލުން އައިސްފައިވަނީ ހެއިޓީގެ ހުޅަނގު އުތުރުން
ސީ.އެން.އެން
ހެއިޓީ ބިންހެލުން
ހެއިޓީއަށް އައި ބިންހެލުމުގައި 10 މީހުން މަރުވެއްޖެ
ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 5.9ގެ ބާރުމިނުގައި

ކެރީބިއަން ސަރަހައްދުގެ ޤައުމެއްކަމަށްވާ ހެއިޓީއަށް އައި ބިންހެލުމެއްގައި 10 މީހުން މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރިކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އިތުރު 135 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާކަމަށް ހެއިޓީގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. ހެއިޓީގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ކާރިސާތަކާއި ބެހޭ ކެބިނެޓުން މި ބިންހެލުމުގެ ސަބަބުން ގެއްލުންވި މީހުންނާއި އަނިޔާ ލިބުނު މީހުންގެ ކަންކަން ބަލަމުންދާކަމަށެވެ. 

މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވީ އެޤައުމުގެ އުުތުރުގެ ހިސާބުތަކަށް ކަމަށް ހެއިޓީ ސަރުކާރުން ބުނެއެވެ. 

ހެއިޓީގެ އިތުރުން ކެރީބިއަން ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކަށްވެސް މިބިންހެލުމުގެ އަސަރުކުރިއެވެ. އެގޮތުން ބަހަމާސް، ޓަރކްސް އެންޑް ކެއިކޯސް އައިލެންޑްސްގެ އިތުރުން ހެއިޓިއާއި އެއްފަސްކޮށް އޮންނަ ހަމައެކަނި ޤައުމުކަަމަށްވާ ޑޮމިނިކަން ރިޕަބްލިކަށްވެސް ބިންހެލުމުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިއެވެ. 

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނީ ބިންހެލުން އައިސްފައިވަނީ ހެއިޓީގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ޕޯޓް ޑި ޕައިސްގެ 11 މޭލު ބޭރުން، ބިމުގެ 7.2 މޭލު އަޑިއަށްކަމަށެވެ. މުޅި ހެއިޓީއަށް މި ބިންހެލުމުގެ އަސަރުކުރިނަމަވެސް، ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ. 

ބިންހެލުމުގެ ފަހުންވެސް 2 ފަހަރަކު އެސަރަހައްދުގެ ބިންގަނޑު ގުޑާފައިވާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. 

2010 ވަނަ އަހަރުވެސް ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް އައެވެ. އެއަހަރުގެ ޖެނުއަރީ މަހު ރިކްޓަރމިންގަނޑުން 7.1 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން 3 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން މަރުވިއެވެ. އަދި އެބިންހެލުމުގައި ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކު އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ. 

- ކޮމެންޓް