އިސްރާއީލާ ޣައްޒާ ގުޅޭ ސަރަހައްދީ އިމުގައި ކުރާ މަުޒާހަރާތަކުގެ ރައްދެއްކަމަށް ބުނެ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް މަސްވެރިކަން ކުރެވޭނެ ސަރައްހަދު އަނެއްކާވެސް ކުޑަކުރަން ނިންމައިފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރ އަވިގްދޯ ލިބަރމަންގެ އޮފީހުން ހޮނިހިރު ދުވަހު ނެރެެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަމަށް ކަނޑައަޅާފައިވާ ޒޯން ނުވަ ނޯޓިކަލް މޭލުން ހަ ނޯޓިކަލް މޭލަށް ކުޑަކޮށްފައިވާކަމަށެވެ.
ލިބަރމަން ވަނީ އެ ނިންމުން ނިންމެވީ ހުކުރު ދުވަހު ސަަރަހައްދީ ރޮނގުގައި ހިނގި ކުރިމަތިލުންތަކާއި، ހަފްތާގެ މެދުތެރޭގައި މަސްވެރިކަންކުރާ ދޯނިފަހަރާއި މަސްވެރިން ޣައްޒާގެ އިރުއުތުރުގެ ގޮނޑުދޮށުގައި ކުރި މުޒާހަރާއާއި ގުޅިގެންކަމަށެވެ.
ހުކުރު ދުވަހުގެ މުޒާހަރާގައި 12 އަހަރުގެ ކުއްޖަކު މަރާލާފައިވާއިރު، މާޗް މަހުގެ 30 ވަނަ ދުވަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 183އަށް އަރާފައެވެ.
އިސްރާއީލުން ފަލަސްތީނުގެ މަސްވެރިންނަށް އޮންނަ ސަރަހައްދު ކުޑަކުރި ނަމަވެސް އޮސްލޯ މުއާހަދާގެ ދަށުން ފަލަސްތީނުގެ މަސްވެރިންނަށް އެގައުމުގެ އައްސޭރިފަށުން ފެށިގެން 20 ނޯޓިކަލް މޭލު ދުރުމިނުގެ ސަރަހައްދަކުން މަސްވެރިކަން ކުރެވިދާނެއެވެ.
އިސްރާއީލުންވަނީ 2007 ވަނަ އަހަރު އިގްތިސާދީގޮތުން ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅީއްސުރެ ފަލަސްތީނުގެ ރައްޔިތުންނަށް މަސްވެރިކަން ކުރެވޭނެ ސަރަހައްދު އެތައް ގުނައެއް ކުޑަކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ގެންދަނީ ޣައްޒާގެ މަސްވެރިންނަށް ދީފައި އޮންނަ ޒޯނުން ބޭރުވާ ކަމަށްބުނެ މަސްވެރިންނަށް އަމާޒުކޮށް ބަޑިން ހަމަލާދެމުންނެވެ.
ހޮނިހިރު ދުވަހުވެސް އިސްރާއީލުގެ ސިފައިންވަނީ ޣައްޒާގެ އައްސޭރިފަށުގެ އުތުރުން ފަލަސްތީނުގެ ދެ މަސްވެރިޔަކު ހައްޔަރުކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުން އަންދާޒާކުރާގޮތުގައި ޣައްޒާގެ 50،000 އެއްހާ މީހުން އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ.
އިސްރާއީލުން 2014 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޣައްޒާގައި ހިންގި އުދުވާނުގައި 2،150 މީހުން މަރާލާފައިވެއެވެ. އެ އުދުވާނަށްފަހު އިސްރާއީލުންވަނީ ފަލަސްތީނުގެ މަސްވެރިންނަށް އޭގެ ކުރިން ދީފައި އޮންނަ ތިން ނޯޓިކަލް މޭލުގެ ބަދަލުގައި ހަ ނޯޓިކަލް މޭލަށް މަސްވެރިކަމަށް ނުކުތުން ހުއްދަކޮށްފައެވެ.