ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 09:39
ޔަމަނުގެ ސަންއާ ޔުނިވާސިޓީގެ މައި ދޮރު ކުރިމަތީގައި ބެރިކޭޑް ވަނީ ޖަހާފައި
ޔަމަނުގެ ސަންއާ ޔުނިވާސިޓީގެ މައި ދޮރު ކުރިމަތީގައި ބެރިކޭޑް ވަނީ ޖަހާފައި
ޓްވިޓަރ
ޔަމަނުގެ ހަނގުރާމަ
ޔަމަނުގެ ސަންއާ ޔުނިވާސިޓީ ބަންދުކޮށް، 50 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށްފި
ހޫޘީ ހަނގުރާމަވެރިން ވަނީ އެ ސިޓީގެ މެދުގައިވާ ތަހްރީރް ސްކޮއާ ވެސް ބަންދުކޮށްފައި
ހޫޘީން ވަނީ މައި ރަށުގެ އެކި ހިސާބުތަކުގައި ސެކިއުރިޓީ ޗެކްޕޮއިންޓްތައް ބަހައްޓާފައި

ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންއާގެ 'ސަންއާ ޔުނިވާސިޓީ' ބަންދުކޮށް، 50 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށްފިއެވެ.

އަލް އަރަބިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫޘީ ހަނގުރާމަވެރިން ހޮނިހިރު ދުވަހު ޔަމަނުގެ ވެރިރަށުގެ އެ ޔުނިވަސިޓީ ބަންދުކޮށްފައި ވަނީ ބަރުހަތިޔާރާއި ޓޭންކަރުތަކާއި ހަނގުރާމަމަތީ އުޅަނދު ފަހަރުތައް ބޭނުން ކޮށްގެނެއެވެ. އެ މީހުން ވަނީ އެ އުޅަނދު ފަހަރުތަކުގައި ޔުނިވާސިޓީ ވަށާޖަހާފައެވެ. އެ އަށް ފަހު ޔުނިވާސިޓީގެ މައި ދޮރު ކުރިމަތީގައި ބެރިކޭޑް ޖަހައި 55 ދަރިވަރުން ރަހީނުކޮށްފައެވެ.

ވެރިރަށުގެ ރައްޔިތަކާ ހަވާލާދީ އަލްއަރިއްޔާ އިން ބުނީ ހޫޘީ ހަނގުރާމަވެރިން އެ ސިޓީގެ މެދުގައިވާ ތަހްރީރް ސްކޮއާ ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޮއާ އާ ދިމާއަށް އެއްވެސް މީހަކަށް ނުދެވޭ ކަމަށާއި މުޅި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަރު ހަތިޔާރު ހިފައިގެން ތިބި ސިފައިން ވަރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތައް ޖަހައި އެ މީހުންނަށް އެއްބާރުލުން ނުދޭ ރައްޔިތުން ހައްޔަރު ކުރަމުންދާ ކަމަށެވެ.

ހޮޓެލްތަކާއި ފިހާރަތައް ފާސްކޮށް އެތައް ޒުވާނުންނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޒުވާނުން ހައްޔަރުކުރީ ކީއްވެ ކަމެއް އަލްއަރަބިއްޔާއަކުން ނުބުނެއެވެ.

ހޫޘީންނަކީ 1992 ވަނަ އަހަރު “އަންޞާރުﷲ”ގެ ނަމުގައި އުފެދުނު ޝިއީންގެ ޖަމާއަތެކެވެ. އެ ޖަމާއަތުން ދަނީ ބައިނަލްއަގްވާމީ މުޖްތަމައިން ބަލައިގެންފައިވާ ޔަމަނުގެ ރައީސާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެއާއެކު ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ދަނީ ޔަމަނުގެ ސަރުކާރަށް އެހީވުމުގެ ގޮތުން ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވާގިވެރިވަމުންނެވެ. މިއީ ސައުދީގެ ކޯލިޝަނުން ހޫޘީންނާއި ހަނގުރާމަ ކުރާތާ ހަތަރުވަނަ އަހަރެވެ.

- ކޮމެންޓް