ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 10:39
4 އޮކްޓޯބަރ 2018 ގައި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވަނީ
4 އޮކްޓޯބަރ 2018 ގައި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވަނީ
ސުޕުނިޓްނިކް އިންޓަނޭޝަނަލް
އިންޑިއާ-ރަޝިއާ
އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރުގެ އެއްބަސްވުމެއް ގާއިމްކުރުމަށް ޕޫޓިން އިންޑިއާއަށް
އިންޑިއާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ ރަޝިއާ އިން

އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއް ގާއިމްކުރެއްވުމުގެ އުއްމީދުގައި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން އިންޑިއާއަށް ވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހަވީރު ޕޫޓިން ވެރިރަށް ދިއްލީއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. 

އެ އަށް ފަހު ދެ ބޭފުޅުން ވަނީ ނުރަސްމީ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރަސްމީ ވާހަކަތައް ހުކުރު ދުވަހު ކުރިޔަށްދާއިރު، ނިއުކްލިއަރ ހަކަތަ އާއި، ޖައްވީ ދާއިރާ، ދިފާއީ ދާއިރާ، އަދި އިގްތިސާދީ ދާއިރާ ހިމެނޭ ގޮތުން ޖުމްލަ 20 އެއްބަސްވުމެއްގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވޭނެއެވެ.

ކްރެމްލިން އިން ބުނެފައިވާ ގޮތުގައި އިންޑިއާއާ އެކު ވެވޭ މައި އެއްބަސްވުމަކީ އެސް-400 ގެ މިސައިލް ޑިފެންސް ޑިފެންސް ސިްސްޓަމެއް ގާއިމްކުރުމަށް ވެވޭ  އެއްބަސްވުމެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން ރަޝިއާ އިން ދިފާއީ ދާއިރާ އާއި އިންޓެލިޖެންސް ދާއިރާއަށް އެހީތެރިކަން ހޯދާ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ.

އެމެރިކާ އިން މިދިޔަ މަހު ވަނީ އެފަދަ މައްސަލައެއްގައި ޗައިނާގެ އަސްކަރިއްޔާ އަށް ވެސް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޗައިނާ އިން ދާދި ފަހުން ވަނީ ރަޝިއާގެ ސުޚޮއި އެސްޔޫ-35 ގެ މަތިންދާ ބޯޓާއި އެސް-400 މިސައިލް ގަނެފައެވެ.

ނަމަވެސް އިންޑިއާ އާއި ޖެހުމުން އެމެރިކާ އަށް ވަނީ އެކަމުގައި އުނދަގޫ ނިންމުމަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ސަބަބަކީ ދެކުނު އޭޝިއާގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އިންޑިއާއާ އެކު ބާއްވަންޖެހޭ ގާތްގުޅުމެވެ.

ވޮޝިންގޓަނާއި ނިއުދިއްލީން މިދިޔަ މަހު ވަނީ 2019 ވަނަ އަހަރު ދެ ގައުމުން އަސްކަރީ ޑްރިލްއެއް ބާއްވާކަން އިއުލާނުކޮށް އަސްކަރީ ދާއިރާގެ ނާޒުކު މައުލޫމާތުތަކެއް ދެ ގައުމުން ބަދަލުކުރުމަށް އެއްބަސްވެފައެވެ.

އެމެރިކާއަކީ އިންޑިއާއަށް ދެވަނައަށް އެންމެ ގިނައިން ހަތިޔާރު ސަޕްލައިކުރާ ގައުމެވެ.

ނަމަވެސް އެގައުމަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމަކީ ރަޝިއާ ކަމަށްވާ އިރު އަލަށް ގާއިމްކުރެވޭ އެއްްބަސްވުން ވެގެންދާނީ އެ ގައުމަށް ލިބޭ ބޮޑު އެއް ކާމިޔާބީއަށެވެ. 

- ކޮމެންޓް