ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 10:46
އެހީގެ ސާމާނު ނުލިބޭތީ އަވަށްތަކުގެ މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުން
އެހީގެ ސާމާނު ނުލިބޭތީ އަވަށްތަކުގެ މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުން
ބީބީސީ
ސުލަވެސީއަށް އެރި ސުނާމީ
ސުލަވެސީގެ ސުނާމީ: ދުރު ސަރަހައްދުތަކަށް އަދިވެސް އެހީ ނުފޯރާ
ފިހާރަތައް ލޫޓުވާތީ ފުލުހުން ގެންދަނީ ފޯރިމަރަމުން
ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ގެއްލުން ލިބުުނު ސަރަހައްދުތަކަށް ދެވަނަ ދަތުރުފުޅެއް ކުރައްވާފައި

އިންޑޮނީޝިއާގެ ސުލަވެސީއަށް މިދިޔަ ހުކުރު ދުވަހު އައި ބިންހެލުމާއި އޭގެ ފަހުން އެރި ސުނާމީގައި ގެއްލުން ލިބުނު ފަރާތްކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދުރު ސަރަހައްދުތަކަށް އަދިވެސް ވާސިލު ނުވެވޭތީ އެ ސަރަހައްދުތަކުގެ މީހުން ނުރުހުން ފާޅުކުރަމުން އެބަދެއެވެ.

ހުކުރު ދުވަހު އައި ބިންހެލުމާއި އޭގެ ފަހުން އެރި ސުނާމީގައި މަރުވި މީހުންގެ އަދަދުވަނީ 1400 އަށްވުރެ އިތުރުވެފައެވެ.

ސުލަވެސީގެ ޕާލޫ ސިޓީއަށް އެންމެ ބޮޑަށް އަސަރުކުރި މި ސުނާމީ އަރާފައިވަނީ ރިކްޓަރ މިންގަނޑުން 7.5ގެ ބާރުމިނުގައި އައި ބިންހެލުމަކަށްފަހުއެވެ. 

މީހުން ސަލާމަތްކުރުމާއި އެހީގެ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަން ދީފައިވަނީ އެންމެ ގިނަ މީހުން މަރުވިކަން ކަށަވަރު ކުރެވިފައިވާ ޕާލޫއަށެވެ. މި ކަމުގެ ސަބަބުން އެހެން ސަރަހައްދުތަކުގެ މީހުން ތިބީ އެމީހުންނަށް އެހީ ނުލިބޭ ކަމަށް ބުނެ ރުޅިގަދަވެފައެވެ.

އދ. އިން ވަނީ އެންމެ ބޮޑަށް ގެއްލުންވީ ބޮޑު ސަރަހައްދަށް އަދިވެސް ވާސިލު ނުވެވިދާނެ ކަމުގެ އިންޒާރުދީފައެވެ.

"ނަމަވެސް ޓީމްތަކުން ދަނީ ބާރުއަޅަމުން، އެމީހުންނަށް ކުރެވޭނެކަމެއްދަނީ ކުރަމުން" އދގެ އިންސާނީ އެހީއާ ބެހޭ ތަރުޖަމާނު ޖެން ލައަރކް އަންގާރަދުވަހު ވިދާޅުވިއެވެ.

ބިންގަނޑު ކަނޑައިގެން ދިއުމާއި، މުއާސަލާތީ ވިއުގަ ހަލާކުވުމާއި، ބްރިޖްތައް ވެއްޓިފައިވުމުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށްވަނީ ދުރު ސަރަހައްދުތަކަށް ވާސިލުވުމަށް ހުރަސްއެޅިފައެވެ.

ކާރިސާ ކުރިމަތިވި ސަރަަހައްދަކީ މަދުވެގެން 1.4 މިލިއަން މީހުންގެ އާބާދީއެއް އުޅެމުންދާ ސަރަހައްދެކެވެ. މަދުވެގެން 70،000 މީހުންވަނީ ރަށުގެ އެކި ކަންކޮޅުތަކުގައިވާ ރައްކާތެރި ސަރަހައްދުތަކަށް ޖަމާވެފައެވެ.

އިތުރު ސަރަހައްދުތަކަށް ވާސިލުވެވުމާއެކު މަރުވި މީހުންގެ އަދު ކުއްލި ގޮތަކަށް މަތިވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ތިން ލައްކައެއްހާ މީހުން ދިރިއުޅޭ ދޮންގަަލަ ސަރަހައްދުގައި އެހީދިނުމުގެ މަސައްކަތުގައި އުޅޭ މީހަކު ރޮއިޓަރސްގައި ބުނީ ސަރުކާރެއް ނުފެންނަ ކަމަށެވެ.

އެންމެން ތިބީ ފެނާއި ކާބޯތަކެއްޗަށް ބޭނުންވެފައި. ފެނެެއް ކާބޯތަކެއްޗެއް ގޭހެއް ނެތް" އޭނާ ބުންޏެވެ.

ފިހާރަތައް ލޫޓުވަމުންދާތީ ފުލުހުން ގެންދަނީ ގާޑުކުރަމުންނެވެ.

ގެއްލުން ލިބުނު ސަރަހައްދުތަކަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައިި ރައީސް ޖޯކޯ ވިޑޯޑޯ އުޅުއްވަމުން ގެންދަވާއިރު އަވަށްތަކުގެ މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.

- ކޮމެންޓް