ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 07:09
ސުނާމީގައި ހަލާކުވި ހޮޓަލެއްގެ ދަށުގައި ތާށިވެފައި ބަޔަކު ތިބިތޯ ބަލަނީ
ސުނާމީގައި ހަލާކުވި ހޮޓަލެއްގެ ދަށުގައި ތާށިވެފައި ބަޔަކު ތިބިތޯ ބަލަނީ
ރޮއިޓަރސް
ސުލަވެސީ ސުނާމީ
އިންޑޮނީޝިއާގެ ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1300 އަށް އަރައިފި
މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭ

އިންޑޮނީޝިއާގެ ސުލަވެސީއަށް މިދިޔަ ހުކުރު ދުވަހު އައި ބިންހެލުމާއި އޭގެ ފަހުން އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 1347 އަށް އަރާފައިވާކަމަށް އަންގާރަ ދުވަހު އޮފިޝަލުން ހާމަކޮށްފިއެވެ.

ސުލަވެސީގެ ޕާލޫ ސިޓީއަށް އެންމެ ބޮޑަށް އަސަރުކުރި މި ސުނާމީ އަރާފައިވަނީ ރިކްޓަރ މިންގަނޑުން 7.5ގެ ބާރު މިނުގައި އައި ބިންހެލުމަކަށްފަހުއެވެ. 

މަރުވި މީހުންގެ އަދަދު 1300 އަށްވުރެ ގިނަކަމަށް އިންޑޮނީޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައި މިވަނީ މަރުވި މީހުންގެ އަަދަދު 844 އަށް އަރާކަމަށް ބުނިތާ މާގިނަ ވަގުތުތަކެއް ނުވެއެވެ. 

ކާނާއާއި ބޯފެނާއި ތެލަށް އާއްމުން ޖެހިފައިވާއިރު، ފިހާރަތައް ލޫޓުވުން ހުއްޓުވުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފިހާރަތަކާއި ތަންތަން ލޫޓުވުމުގައި ކާނާއާއި ބޯފެން ނެގިޔަސް މާބޮޑު އަޅާލުމެއް ފުލުހުން ކުރިން ނުބެހެއްޓިނަމަވެސް، ފިހާރަތައް ލޫޓުވައި ކޮމްޕިއުޓަރފަދަ އަގުބޮޑެތި ސާމާނުތައް ލޫޓުވާން ފެށުމުން ފުލުހުން ވަނީ އެކަން ކޮންޓްރޯކުރުމަށް މަސައްކަތް ކޮށްފައެވެ.

އެހީގެ ތަކެއްތި ހިފައިގެން ޕާލޫއަށް މިހާރު އެހީގެ ގާފިލާތައް ގޮސްފައިވާއިރު، އެހީގެ ގޮތުގައި ގެންދިޔަ ތަކެތި ބެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތުގައި ފުލުހުންނާއި ސިފައިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އިމާރާތްތަކުގެ ދަށުވެފައި އިތުރު ބަޔަކު ތިބެދާނެކަމަށް ބަލައި، މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. 

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދަނީ ބޭނުންކުރަމުންނެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އިތުރު މީހުން ބޭނުންކުރުމަށް ރައީސް ޖޮކޯ ވިޑޯޑޯ ވަނީ އަންގާވަފައެވެ.

ބިންހެލުމާއި އޭގެ ފަހުން އައި ސުނާމީގެ ސަބަބުން މަގުތަކާއި ބްރިޖްތައް ހަލާކުވެ، މުވާޞަލާތީ ގުޅުންތަކަށްވެސް ބުރޫ އަރާފައިވާތީ ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އަދި ހޮސްޕިޓަލްތައްވެސް ހަލާކުވެފައިވުމާއިއެކު ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުން ވަނީ ދަތިކަމަކަށްވެފައެވެ. އެހެންނަމަވެސް އިންޑޮނީޝިއާގެ އަސްކަރިއްޔާއިން ވަނީ މިހާރު އެސަރަހައްދުގައި އަސްކަރީ ހޮސްޕިޓަލެއް ޤާއިމްކޮށްފައެވެ.

އިންސާނީ އެހީއާއިއެކު އިނގިރޭސި ސަރުކާރުން ވަނީ އިންޑޮނީޝިއާއަށް އެހީގެ މަތިންދާބޯޓެއް ފޮނުވާނެކަން އަންގާރަ ދުވަހު އިއުލާން ކޮށްފައެވެ.

އދގެ އިންސާނީ އެހީއާއި ބެހޭ އޮފީހުން ބުނީ ސުލަވެސީގައި ޙާލުގައި ޖެހިފައިވާ 2 ލައްކައެއްހާ މީހުން އެބަތިބިކަމަށާއި، އޭގެ ތެރެއިން 25 އިންސައްތައަކީ ކުޑަކުދިން ކަމަށެވެ. 

އަނެއްކޮޅުން ޕާލޫގެ އުސް ސަރަހައްދުތަކުގައި 1300 އެއްހާ މީހުން އެއްފަހަރާއި ވަޅުލުމަށް ކަށްވަޅު ކޮނުމަށް ވޮލަންޓިއަރުން ދަނީ މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް