ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 19:46
ތުރުކީގެ  ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
ރޮއިޓަރސް
ތުރުކީގެ ބަހުގެ ހަމަލާ
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަސް ނުބުނެ ތުރުކީ މަޑުންނެއް ނޯންނާނެ: އުރުދުޣާން
ދަތިކުރުމުގެ ފިޔަވަޅުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދޭނަން: ތުރުކީ
ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ސަކަރާތްވެފައި

ތުރުކީއާ ދެކޮޅަށް އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބަސް ނުބުނެ ތުރުކީ މަޑުންނެއް ނޯންނާނެ ކަމަށެވެ.

އެމެރިކާގެ ފާދިރީއަކު ތުރުކީން ހައްޔަރު ކޮށްފައިވާ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ސަކަރާތްވެފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ އިން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ތުރުކީން ބުނީ ޓެރަރިޒަމްގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ފާދިރީއާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. އަދި ތުރުކީގެ ގާނޫނީ ނިޒާމަށް އިހްތިރާމް ކުރުމަށް އެމެރިކާއަށް ވަނީ ގޮވާލާފައެވެ.

ފާދިރީ އެންޑްރިއު ބްރަންސަން 21 މަސް ޖަލުގައި ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ 35 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ތުރުކީއަށް އެޅި ދަތި ކުރުމުގެ ފިޔަވަޅު ތެރޭގައި މިދިޔަ އޮގަސްޓް މަހު ވަނީ ތުރުކީން އެތެރެ ކުރާ އެލުމިނިއަމް އާއި ދަގަނޑުގެ ޑިއުޓީ ދެ ގުނަ ބޮޑުކޮށްފަ އެވެ. ރައްދުގައި ތުރުކީން ވެސް ވަނީ އެމެރިކާ އިން އިމްޕޯޓް ކުރާ ކާރާއި ރަލާއި ދުންފަތުން ޑިއުޓީ ބޮޑުކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ ތުރުކީގެ އިސް އޮފިޝަލުންނާއި ދެކޮޅަށް ވެސް ދަތި ކުރުމުގެ ފިޔާވަޅު އަޅާފައެވެ. އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތުރުކީ ފައިސާގެ އަގު ވަނީ 40 ޕަސެންޓް ވެއްޓިފައެވެ.

ސީރިއާގެ މައްސަލާގައާއި އީރާނުގެ މައްސަލާގައި ވެސް ތުރުކީއާއި އެމެރިކާއާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. އެމެރިކާއިން ސީރިއާގައި ތާއީދު ކުރާ އިދިކޮޅުގެ ހަނގުރާމަ ވެރިންނަކީ ޓެރަރިސްޓުން ކަމަށް ތުރުކީން ގަބޫލު ކުރެއެވެ. އަދި އެމެރިކާއިން އީރާނުގެ ތެޔޮ ނުގަންނަން ދުނިޔޭގެ ގައުމު ތަކަށް އަންގާފައިވާއިރު އެކަމާ ތުރުކީން ވަނީ ދެކޮޅު ހަދާފައެވެ.

- ކޮމެންޓް