ރަޝިއާގައި އުފައްދާ އަސްކަރީ މަތިންދާ ބޯޓާއި، މިސައިލް ޗައިނާ އިން ގަތުމުން އެމެރިކާ އިން ޗައިނާގެ އަސްކަރިއްޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާ އިން ބުނީ ޗައިނާގެ އެ ފިޔަވަޅަކީ ޔޫކްރެއިންގެ މައްސަލައިގަ އާއި އެމެރިކާގެ ސިޔާސީ ކަންކަންމަށް ނުފޫޒު ފޯރުވާތީ ރަޝިއާއާ ދެކޮޅަށް އަޅާފައި އޮންނަ ދަތިކުރުމުގެ ފިޔަވަޅުތަކާއި ތައާރުޒުވާ އަަމަލެއް ކަމަށެވެ.
ޗައިނާ އިން ދާދި ފަހުން ވަނީ ރަޝިއާގެ ސުޚޮއި އެސްޔޫ-35 ގެ މަތިންދާ ބޯޓާއި އެސް-400 މިސައިލް ގަނެފައެވެ.
އެމެރިކާ އާއި ހުޅަނގު ގައުމުތައް ގުޅިގެން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޗައިނާ އިން ބައިވެރިއެެއް ނުވެއެވެ.
ޗައިނާގެ ފައުޖުތަކުން ވަނީ ރަޝިއާގެ މި މަހުގެ ކުރީކޮޅު ރަޝިއާ އިން ބޭއްވި ވޯ ގޭމްސްގައި ބައިވެރިވެފައެވެ.
އެމެރިކާ އާއި ރަޝިއާގެ ގުޅުން ހީނަރުވީ 2014 ވަނަ އަަހަރު މޮސްކޯ އިން ޔޫކްރެއިންގެ ކްރައިމިއާ ހިފައި އެތަނަކީ ރަޝިއާގެ ތަނެއް ކަމަށް ނިންމުމާ ގުޅިގެންނެވެ.
އޭގެ ފަހުން 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތާއި ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ރަޝިއާ އަދާކުރަމުންދާ ދައުރުގެ ސަބުން އެމެރިކާ އިން ވަނީ ރަޝިއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ.
އެމެރިކާއިން ފިޔަވަޅު އެޅި ޗައިނާގެ އަސްކަރިއްޔާގެ ފަރާތްތަކުގެ ތެރޭގައި ޗައިނާގެ އިކުއިޕްމެންޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އީޑީޑީ)ގެ ވެރިޔާ ލީ ޝަންގފޫ ހިމެނެއެވެ.
އީޑީޑީއާއި ލީގެ މައްޗަށް އެޅި ފިޔަވަޅަކީ އެމެރިކާގައި ހުރި އޭނާގެ އެސެޓް ފްރީޒްކުރުމާއި އެމެރިކާގެ އެއްވެސް ރައްޔިތަކު އޭނާއާ އެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުން މަނާކުރުމެވެ.
މީގެ އިތުރުން އީޑީޑީއަށް ވަނީ އެކްސްޕޯޓްކުރުން މަނާކޮށް އެމެރިކާގެ ފައިނޭޝަލް ސިސްޓަމްގެ ތެރެއިން ބޭރުކޮށްފައެވެ. އެ ފިޔަަވަޅުގެ ސަބަބުން އެ ގައުމުން ބޭންކުތައް މެދުވެރިކޮށް އެ މުއައްސަސާއަށް ލިބެންވާ ފައިސާއެއް ވެސް އަދި އެ ތަނުން ފޮނުވަންވާ ފައިސާއެެއް ވެސް ނުފޮނުވޭނެއެވެ.
މީގެ އިތުރުން ވޮޝިންގޓަނުން ވަނީ ރަޝިއާގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސާ ގުޅުން އޮންނަ އިތުރު 33 މީހަކާއި ތަނެއްގެ މައްޗަށް ފިޔަވަޅު އަޅާފައެވެ.