މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ހައްޔަރުކޮށްފިއެވެ.
ބުދަ ދުވަހު ނަޖީބް ހައްޔަރުކޮށްފައި ވަނީ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް އެމަނިކުފާނު ހާޒިރުކޮށް، އެ ތަނުންނެވެ.
ނަޖީބް ހައްޔަރުކޮށްފައި މިވަނީ ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހަދް (ވަންއެމްޑީބީ) ގެ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެންނެވެ. މި މައްސަލައިގައި ނަޖީބްގެ މައްޗަށް މައިގަނޑު ތުހުމަތު އަމާޒުވެފައި ވަނީ އެމަނިކުފާނުގެ އަމިއްލަ އެކައުންޓްތަކުން ފެނިފައިވާ ވަންއެމްޑީބީ އާއި ގުޅުންހުރި 2.6 ބިލިއަން ރިންގިޓް (628 މިލިއަން އެމެރިކާ ޑޮލަރު) ގެ މައްސަލައިގައެވެ.
މި މައްސަލައިގައި މަޤާމުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ ނަޖީބްގެ މައްޗަށް އުފުލާނެ ކަމަށް ބެލެވޭއިރު، ބުރާސްފަތި ދުވަހުގެ މެންދުރު އެމަނިކުފާނު ސެޝަންސް ކޯޓަކަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެސީސީއިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ނަޖީބް ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ފުލުހުންނާއި ގުޅިގެން ނަޖީބްގެ ބަޔާނެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އިދާރާއިން އިތުރަށް ބުނެފައި ވަނީ އެ އިދާރާއިން ފުލުހުންނަށް އެހީވަމުންދަނީ 2001 ވަނަ އަހަރު އެ ޤައުމުގައި ފާސްކުރި އެންޓި މަނީ ލޯންޑްރިންގ، އެންޓި ޓެރަރިޒަމް ފަންޑިންގ އެންމެ ޕްރޮސީޑްސް އޮފް އަންލޯފުލް އެކްޓިވިޓިޒް ޤާނޫނުގެ ދަށުން ކަމަށެވެ.
ނަޖީބްގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރުމަށް ތައްޔާރުވަމުން ދާއިރު މި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ނަޖީބް ވަނީ އެމަނިކުފާނުގެ އެކައުންޓްތަކުން ފެނުނު ފައިސާއަކީ ސައުދީ ޝާހީ އާއިލާއިން ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ފައިސާކަން ހާމަވާ ލިޔުންތަކެއް އާންމުކުރައްވާފައެވެ.
އަދި އެކަމާއި ގުޅޭ އިތުރު ލިޔުންތައް ވެސް ހާމަ ކުރައްވާނެ ކަމަށް ނަޖީބް ވަނީ ވިދާޅުވެފައެވެ.
ނަޖީބްގެ މައްޗަށް މިހާތަނަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 42 މިލިއަން ޑޮލަރުގެ ޚިޔާނާތާއި ގުޅޭ ޖިނާއީ 7 މައްސަލައަކާއި، އިތުބާރު ހުރި މަޤާމެއްގައި ހުރެ އެ އިތުބާރު ގެއްލޭ ގޮތަށް އަމަލުކުރުމުގެ 3 މައްސަލައަކާއި، ކަޅު ފައިސާ ދޮވުމުގެ މައްސަލައެއް ހިމެނެއެވެ.
މި ހުރިހާ ދައުވާއަކަށް ވެސް ނަޖީބް ވަނީ އިންކާރު ކުރައްވާފައެވެ.