ތާރީޚީ ދަތުރުފުޅެއްގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އުތުރު ކޮރެއާއަށް ވަޑައިގެންފިއެވެ.
އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް އިން މޫން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކިމް ޖުންގ ސޫކް އަށް މަރުހަބާ ދެންނެވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އާއި އޭނާގެ އަނބިކަނބަލުން ރީ ސޮލް-ޖޫއެވެ.
މިއީ ފާއިތުވި 10 އަހަރު ތެރޭގައި ދެކުނު ކޮރެއާގެ ލީޑަރަކު ޕިޔޮންގްޔަންގްއަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. ތިން ދުވަހުގެ މި ދަތުރުފުޅަކީ ކޮރެއާ ސަރަހައްދަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދަން ކުރެވެމުންދާ މަޝްވަރާތަކުގެ ބައެކެވެ. އެމެރިކާ އާއި އުތުރު ކޮރެ އާއި ދެމެދު މިދިޔަ ޖޫން މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު ނިއުކްލިއަރ ހަތިޔާރު ނައްތާލަން އުތުރު ކޮރެއާ އިން އެއްބަސްވި ނަމަވެސް، އަދި މިހާތަނަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މަޝްވަރާތަކުގެ އިތުރު ދައުރަކަށް ދިޔުމަށް އުތުރު ކޮރެއާ އާއި އެމެރިކާ ތައްޔާރުވަމުންދާއިރު، ދެކުނު ކޮރެއާ އިން ދާނީ މެދުވެރިއެއްގެ ރޯލު އަދާކުރަމުންނެވެ. މޫންގެ މި ދަތުރުފުޅުގައި އެކަމާ ގުޅޭ އިތުރު މަޝްވަރާތަކެއް ކުރައްވާނެއެވެ.
ޕިޔޮންގްޔަންގްގެ މަގުތަކުން އަންގާރަ ދުވަހު ހެނދުނު ދެކޮރެއާގެ ލީޑަރުން ކާރުގައި ވަޑައިގެންނެވި ވަގުތު އުތުރު ކޮރެއާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އަށް މަރުހަބާ ދެންނެވިއެވެ.
މިއީ ކިމް އާއި މޫން މިއަހަރުގެ އެޕްރީލް މަހު ބައްދަލު ކުރެއްވިފަހުން ބާއްވާ ތިން ވަނަ ބައްދަލުވުމެވެ. އެޕްރީލް މަހު ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގެ ދެކުނު ފަޅީގައި ދެ ލީޑަރުން ބައްދަލުކުރައްވާފައިވާއިރު، އޭގެ ފަހުން ސަރަހައްދީ އިމުގެ އުތުރު ފަޅީގައި ވެސް ދެ ލީޑަރުން ބައްދަލުކުރައްވާފައި ވެއެވެ.
މި ފަހަރު ޕިޔޮންގްޔަންގްގައި ބާއްވާ މަޝްވާރަތަކުގައި ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މަސައްކަތަށް އަމަލީ ސިފަ ގެންނާނެ ގޮތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެއެވެ. އެހެން ނަމަވެސް އޭގެ ތަފްޞީލެއް ދެ ޤައުމުން ވެސް ހާމަކޮށްފައެއް ނުވެއެވެ. އުތުރު ކޮރެއާއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ ކަމަށްވާ އިންސާނީ ހައްޤުތަކުގެ މައްސަލައިގައި މި ފަހަރު ދެ ޤައުމުން މަޝްވަރާ ނުކުރާނެއެވެ.
އެމެރިކާ އާއި އުތުރު ކޮރެއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ އިތުރުން ދެ ކޮރެއާގެ މެދުގައި އޮތް ނުތަނަވަސްކަން ނައްތާލައި، ގުޅުންތައް ރަނގަޅު ކުރުމަށް ވެސް މޫން އިސްކަމެއް ދެއްވާނެއެވެ. ދެ ކޮރެއާ ދެމެދު 1953 ވަނަ އަހަރު ކުރެވުނު ހަނގުރާމަ ނިމުނު ނަމަވެސް، ދެ ޤައުމުން ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައި ނުވާތީ ދެ ޤައުމު އަދިވެސް އޮތީ ހަޤީޤަތުގައި ހަނގުރާމައިގެ ޙާލަތުގައެވެ. އެހެންކަމުން ދެ ޤައުމުން ރަސްމީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ދެ ލީޑަރުން ވަނީ ކުރިން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ދެ ޤައުމު ގުޅޭ ސަރަހައްދީ ރޮނގު، ނުވަތަ ޑީއެމްޒީގައި ދެ ޤައުމުން އަތުރާފައިވާ ސިފައިންނާއި ބަރު ހަތިޔާރު މަދުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް ވެއެވެ.
ދެ ކޮރެއާގެ ލީޑަރުންގެ ތިން ދުވަހުގެ މަޝްވަރާތަކުގެ އެންމެ މުހިއްމު އެއް ބަޔަކަށް ވެގެންދާނީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކެވެ. ދެކުނު ކޮރެއާގެ ރައީސް މޫން އުތުރު ކޮރެއާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވިޔަފާރިވެރިންގެ ވަފުދެއް ވެސް އުތުރު ކޮރެއާއަށް ދިޔައެވެ. އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެލްޖީ، އެސްކޭޖީ އާއި ހިޔުންޑާއީ ފަދަ ކުންފުނިތަކުގެ އެންމެ އިސްވެރިން ފާހަގަކޮށްލެވެއެވެ.
މޫންގެ އަރިހުގައި ދެކުނު ކޮރެއާގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް ޕިޔޮންގްޔަންގްއަށް ދިޔައެވެ. އޭގެ ތެރޭގައި ކޭ ޕޮޕް ތަރިން ކަމަށްވާ އައިލީ އާއި ބްލޮކް ބީގެ ލީޑް ސިންގަރ ޒީ ކޯވެސް ހިމެނެއެވެ. މި ދަތުރުގައި ޕިޔޮންގްޔަންގްގައި އެ މީހުން ޝޯވއެއް ހުށަހަޅައިދޭނެއެވެ.