ފިލިޕީންސް އަށް އެރި ބާރުގަދަ ތޫފާން މަންޚޫތު ޗައިނާގެ ދެކުނުގެ ހިސާބުތަކަށް ހޯމަ ދުވަހު އަރައިފިއެވެ.
ތޫފާން މަންޚޫތު އަކީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނެވެ. ޗައިނާގެ ގުއަންޑޮން ޕްރޮވިންސަށް ތޫފާން އެރުމުން މިހާތަނަށް ދެ މީހުން މަރުވެފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރެއެވެ. ގުއަންޑޮން އާއި ހައިނާން އައިލެންޑުން ވަނީ 2.5 މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ހޮންކޮންގަށް އެ ތޫފާން ކުރިން އަރައި ބޮޑެތި ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރޭގައި އިމާރާތްތަކުގައި ރެނދުލުން ހިމެނެއެވެ. އެއާއެކު ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބުރޫ އަރައި ގައުމު އޮތީ ހުއްޓުމަކަށް އައިސްފައެވެ. މިދިޔަ ހަފްތާ ބަންދުގައި އެރި އެ ތޫފާނުގައި އިމާރާތްތައް ވަޔާ ތަޅުވާ މަންޒަރާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.
ފިލިޕީންސަށް އެ ތޫފާން އަރުމުން 33 ކުޑަކުދިން ވަނީ މަރުވެފައެވެ. އެ ގައުމުގައި އަދި ވެސް ދަނީ ތޫފާނުގައި ބިންގަނޑު ކަޑައިގެން ދިއުމާއެކު ގެއްލުނު 29 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ތޫފާނުގައި ފިލިޕީންސްގައި މަރުވި މީންގެ އަދަދަކީ 100އަށް ވުރެ ގިނަ ވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ ސަރަހައްދުތައް ކަމަށްވާ ގުއިޒޫ، ޗޮންގިން އަދި ޔުނާން އަށް މިއަދުގެ ވަގުތެއްގައި ތޫފާން އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގެ އެތެރެއަށް ތޫފާނުގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް ތޫފާނުގެ ބާރު ދަށްވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.